ހަގީގީ ސިޔާސީ ބާރުވެރިކަން އަންހެނުންނަށް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާތަން ފެންނަ ހަމައެކަނި ވެރިޔައީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އަދި ޕީއެންސީގެ އަންހެނުންގެ ގޮފީގެ ރައީސާ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިފަދައިން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލީހަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް އެމްއެމްޓީވީން ކުރިއަށްގެންދާ "ޕީއެންސީ ކޮންގްރެސް ފޯރި" ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ. މިގޮތުން ސިޔާސީ ޕާޓީއެއްގައި އަންހެނުންގެ ހަރަކާތެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަން ދެކެވަޑައިގެން، ޕާޓީގެ ގަވާއިދުގެ ތެރެއިން ރަސްމީގޮތެއްގައި އަންހެނުންގެ ގޮފި އުފެއްދެވުމަށް ރައީސް ނިންމަވާފައިވާތީ، ކުރިއަށް އޮތް މަތީ މަޖިލީހާއެކު ޕާޓީގައި އަންހެނުންގެ ހަރަކާތްތައް ބޮޑުތަނުން ފުޅާވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ އެންމެ މަތީ މަގާމުތަކާއި، ވަޒީރުންގެ ނައިބު ފެންވަރުގެ ސިޔާސީ މަގާމުތަކުގައި ވެސް ގިނަ އަދަދެއްގެ އަންހެނުން މިއަދު އެބަތިއްބެވި ކަމަށެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމަށް ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ އެންމެ ބޮޑު އެއް ހެކިކަމަށް އެކަމަނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރަށްރަށުގެ ފެންވަރުގައި ހިނގާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ކޮޅަށްޖެއްސެވުމަކީ ރައީސް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްކަން ހީނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދެއްވުމާއި، މުސާރަ އެއްހަމަކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއެކު، ކޮމިޓީތަކުގެ ރައީސާއިންނަށް ބާރުދީގެން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ރައީސް ބާރުއަޅުއްވާކަމަށް ވިދާޅުވިއެވެ. ވަޒީރު ހީނާގެ ވާހަކަފުޅު ނިންމާލައްވާފައިވަނީ، ގައުމެއްގެ މުސްތަގުބަލުގައި ފަހު ބަސް ބުނެވޭފަދަ މަތީ ހިސާބަކަށް އަންހެނުން ގެނެސްދެއްވުމަށް ރައީސް މުއިއްޒު ކުރައްވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވަމުންނެވެ.








