ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކުރުމުގެ މަސައްކަތް ނިމިފައި ވިޔަސް، އަދިވެސް ބައެއް ބިދޭސީން އެ މައުލޫމާތު ދީފައި ނުވާތީ އެ މައުލޫމާތު ދިނުމަށް އިތުރު ފުރުސަތެއް ހޯމް މިނިސްޓްރީން ދީފި އެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެކްސްޕެޓް ސިސްޓަމްގައި، ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް މައުލޫމާތު ދީފައިނުވާކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން، މި ވަގުތު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރޭގައި މައުލޫމާތު ނުދޭ މީހަކު ހުރި ނަމަ، އެ މައުލޫމާތު ދޭން ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ މުއްދަތުގައި ބަޔޯމެޓްރިކްސް ނުދީފި ނަމަ، އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ދެމުން އަންނަ ހުރިހާ ހިދުމަތެއް ބްލޮކު ކުރެވޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މައުލޫމާތު ނުދީފި ނަމަ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.