ރާއްޖޭގައި ގުނަވަން ބަދަލުކުރުމުގެ މަސައްކަތްތައް ފެށުމަށް ޚާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޑްރާފްޓް ނިމިފައިވާ ކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ސިއްޙީ ނިޒާމުގެ މިފަދަ ކަންކަން ތަރައްޤީ ކުރުމުގެ ދެވަނަ މަރުޙަލާއަކަށް ދާން ޖެހޭ ކަމަށާއި، ކިޑްނީ ޓްރާންސްޕްލާންޓް ކުރުން ފަދަ ޚިދުމަތްތައް ދެވޭނެ ފެންވަރަށް އޮޕަރޭޝަން ތިއޭޓަރުތައް އަޕްގްރޭޑް ކުރަން ޖެހޭ ކަމަށެވެ.
"މިކަން ކުރުމަށްޓަކައި ބޭނުންވާ ލީގަލް ފްރޭމްވޯކް ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެކުލަވާލަން ޖެހޭ ގާނޫނު މިހާރު ވަނީ އޭގެ ފަސްޓް ޑްރާފްޓް ތައްޔާރު ކުރެވި އިތުރަށް މަޝްވަރާ ކުރެވި އެ ފަރާތްތަކާއި އެކު މިދަނީ މަޝްވަރާ ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްވަރާތައް ނިމުމާއެކު ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. "ގާނޫނު ފޮނުވުމާއެކު ރާއްޖޭގައި ކިޑްނީ ބަދަލުކުރުން ފަދަ އޮޕަރޭޝަން ކުރުމުގެ ގާނޫނީ އިޖުރާއާތުތައް ތަރުތީބު ކުރެވިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.