"ހޯޕް އައިލެންޑް" މަޝްރޫޢު ކުރިއަށްގެންދަން ބިޑަށް ހުޅުވާލައިފި

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 19 ޖޫން 2025 13:18
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން. / ފޮޓޯ: ރައީސް އޮފީސް
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހޯޕް އައިލެންޑަށް ގެންދާނީ މިހާރުވެސް ކުށްތަކަށް އަރައިގަންނަ އަދި ކުށުގެ މާޙައުލަށް ހުށަހެޅޭނެ ފަދަ ގޮތަކަށް ތިބި ކުދިން ކަމަށް އިހުސާން ވިދާޅުވި.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށް ރޭވި "ހޯޕް އައިލެންޑް" މަޝްރޫޢު ކުރިއަށްގެންދިއުމަށް މިހާރު ބިޑަށް ހުޅުވާލާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢުއަށް ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްގެންދާނެ މަޝްރޫޢަކީ "ހޯޕް އައިލެންޑް" މަޝްރޫޢު ކަމަށެވެ.

އިހުސާން ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދިއުމަށް މިހާރު ބިޑަށް ހުޅުވާލާފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ 2027 ގެ ނިޔަލަށް އެތަން ހުޅުވުން ކަމަށެވެ.

ހޯޕް އައިލެންޑަށް ގެންދާނީ މިހާރުވެސް ކުށްތަކަށް އަރައިގަންނަ އަދި ކުށުގެ މާޙައުލަށް ހުށަހެޅޭނެ ފަދަ ގޮތަކަށް ތިބި ކުދިން ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ސަރުކާރުގެ މަޤުޞަދަކީ އެ ކުދިންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުދީ ހަރުދަނާ ބަޔަކަށް ހަދައިދިނުން ކަމަށް އިހުސާން ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވަނީ އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް މަޝްރޫޢު ކުރިއަށް ގެންދިއުމަށެވެ. ހޯޕް އައިލެންޑަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުމަށް 10 މިލިއަން ޑޮލަރު އަދި ތަރައްޤީކުރުމަށް 15 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވޭކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

ހޯޕް އައިލެންޑްގައި އެއްފަހަރާ 700 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށާއި، އެތަނުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރުވުމުން ފުލުހުން ނުވަތަ ސިފައިންގެ ޚިދުމަތަށް ވެއްދުމާއި، ވަކި މުއްދަތަކަށްފަހު އެ ކުދިން ބޭނުންވާ ދާއިރާތަކަށް ނިކުތުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ ކުށްކުރުން މަދުކޮށް، ޒުވާނުންނަށް ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%