އީރާނުގެ ފޯޑޯ ނިއުކްލިއަރ ފެސިލިޓީއަށް އެމެރިކާގެ ސީދާ އަސްކަރީ ހަމަލާއެއް ދިނުމަށް ހުއްދަ ދިނުމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ އިސް ސެނެޓަރ ލިންޑްސޭ ގްރެހަމް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައިފިއެވެ. ފޯޑޯ ފެސިލިޓީއަކީ ތެހެރާނުގެ ދެކުނުގައި ވަރަށް އަޑީގައި ހުންނަ ޔުރޭނިއަމް މުއްސަނދިކުރާ ފެސިލިޓީއެކެވެ.
ހުޅަނގުގެ މީޑިއާތަކުން ވެސް ވަނީ ފޯޑޯ ފެސިލިޓީއަށް ޙަމަލާ ދެވޭނީ ހަމައެކަނި އެމެރިކާގެ ބޮމަކުން ކަމަށް ބުނެ، އެ ފެސިލިޓީއަށް ޙަމަލާ ދިނުމަށް ހިތްވަރުދޭގޮތަށް ޚަބަތުތައް ފަތުރަން ފަށާފައެވެ.
އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކާއި ސައެންސްވެރިންނާއި އަސްކަރީ ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ އިންފްރާސްޓްރަކްޗަރގެ ބޮޑު ބައެއް ހަލާކުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ސެނެޓަރ ގްރެހަމް ވަނީ ފޯޑޯ ފެސިލިޓީ އަދިވެސް ހިންގަމުންދާކަން ފާހަގަކޮށްފައެވެ. މި ފެސިލިޓީއަކީ ފަރުބަދަތަކުގެ 80 މީޓަރުގެ އަޑީގައި ޤާއިމްކޮށްފައިވާ ތަނެއް ކަމަށާއި، މިފަދަ ތަނަކަށް ހަމަލާދެވޭނީ ހަމައެކަނި އެމެރިކާއަށް ކަމަށް އޭނާ ބުނެފައިވެއެވެ.
އިޒްރޭލުން އީރާނުގެ 100 އަށް ވުރެ ގިނަ ތަނަކަށް ހަމަލާދީފައިވާ ކަމަށް ބުނެވެއެވެ. މީގެ ތެރޭގައި ތެހެރާނާއި، އިސްފަހާނާއި، ޤޮމްގެ ކައިރީގައި ހުރި އަސްކަރީ ތަންތަން ހިމެނެއެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި ނިއުކްލިއަރ ތަންތަނަށް ހަމަލާ ދިނުމުގެ ޕްލޭނަކަށް ޓްރަމްޕް ވަނީ ތާއީދު ވެސް ކޮށްފައެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ނުލިބެއެވެ.
އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަނާއި އދ.ގެ ނިއުކްލިއަރ ވޮޗްޑޮގް (އައިއޭއީއޭ) އިން ފޯޑޯ އަދި އިސްފަހާން ފެސިލިޓީތަކަށް ހަމަލާ ދީފައިނުވާ ކަމަށް ބުނެފައި ވެއެވެ.
އީރާނުން ބުނީ އެމެރިކާއިން އީރާނަށް ވައިގެ ޙަމަލާ ދީފިނަމަ ވަރަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.
ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް އީރާނުން ދެކޮޅު ހަދައެވެ. އަދި ޔުރޭނިއަމް މުއްސަނދި ކުރަނީ ހަމައެކަނި ހަކަތަ އުފެއްދުމަށް ކަމަށް ވެސް އެޤައުމުން ބުނެއެވެ.