2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވައިފިއެވެ.
ދައުދު ވަކި ކުރެއްވިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދާއޫދަކީ، ހ. ފެންޓެނޯއީ ގެއިން ހ. މީޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ރޭ ޔުމްނު އެކީ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެއެވެ. އެ ޙާދިސާގެ ތަހުގީގާ މެދު އާންމުން ސުވާލު އުފައްދަމުން ދަނިކޮށް ރައީސް އޮފީހުގެ މަޤާމުން ދާއޫދު ހުރީ މުސާރަ ނުލިބޭ ގޮތަށް މިހާތަނަށް ސަސްޕެންޑުކޮށްފައެވެ.
މީގެ ކުރިން ދާއޫދު ހުރީ "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސްގެ ވެސް މަޤާމުގައެވެ. ނަމަވެސް، ޔުމްނު ވެއްޓުމުގެ ޙާދިސާއާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ އެކު، ދާއޫދު އެ މަޤާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން އޭޕްރީލް 24 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ކޮމިޓީން ދާއޫދު ވަކިކުރައްވާފައެވެ.
ޔުމްނު ވެއްޓުމުގެ މައްސަލަ ތަޙުޤީޤުކުރުމަށް ރައީސް ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވީ އެ މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަޙުޤީޤާއި މެދު އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ، އިންސާފަށް އެދި މުޒާހަރާތަކެއް ފެށުމާއި ގުޅިގެންނެވެ.
އެ ކޮމިޝަނާއި މަތިކުރެއްވި މަސައްކަތް ފުރިހަމަކުރައްވައި، ރައީސް އަށް ރިޕޯޓު ހުށަހެޅުއްވީ، ކޮމިޝަން އުފެއްދެވިތާ 52 ދުވަހުގެ ތެރޭގައެވެ. އެ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން، ޔުމްނު ވެއްޓުނު ޙާދިސާއާ ގުޅޭ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަނިކޮށް ދާއޫދު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ތަކުރާރުކޮށް ގުޅާފައެވެ.
އެ މައްސަލައިގެ ތަޙުޤީޤަށް ދާއޫދު ވެސް ބަޔާން ދީފައިވާއިރު، އޭނާ ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުޢާމަލާތު ކޮށްފައި ނުވާނެ ކަމަށާއި ޔުމްނު ވެއްޓުމާ ގުޅޭ އެއްވެސް ވާހަކައެއް ރައުދު އޭނާ ކައިރީގައި ބުނެފައި ނުވާ ކަމަށެވެ. ނަމަވެސް، ހާދިސާ ހިނގި ދުވަހުގެ އެކި ވަގުތުތަކުގައި ހޯމް މިނިސްޓަރު އިހުސާނާ، ދާއޫދު މުޢާމަލާތުކޮށް ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުންޏެވެ. އަދި، ޙާދިސާއަށް ފަހު ރައުދު ގެއަށް ގެނައުމުން އޭނާ ބަލައި ފޭބީ ދާއޫދު ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
މައްސަލައިގެ ތަޙުޤީޤަށް ދާއޫދު ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ވެސް ފުށުއެރުންތަކެއް ހުރިކަމަށާއި، އޭނާ ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓްގައިވެ ބުނެފައިވެއެވެ.
މީގެ އިތުރުން ދާއޫދާއި އެ ދުވަހު ރައުދުއާ ދިމާވި ދާއޫދުގެ ރައްޓެހިންގެ ބަޔާންތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށާއި އެހެންކަމުން އެ މީހުން ތަޙުޤީޤަށް ކަމެއް ސިއްރުކުރާ ކަމަށް ފާހަގަކުރެވޭ ކަމަށް ވެސް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.