ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު މިއަންނަ މަހުން ފެށިގެން ދިވެހި ރުފިޔާއިން ދޭން ނިންމުމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވާފިއެވެ.
ޤާސިމް ވިދާޅުވީ މިއީ މުވައްޒަފުންގެ ހައްޤަށް އުނިކަން ލިބޭނެ ކަމެއް ކަމަށާއި، މިއީ ހައްޤު ނިންމުމެއް ނޫން ކަމަށެވެ.
ޤާސިމް ވިދާޅުވި ގޮތުގައި، ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިޚްތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ. އެހެންކަމުން، ފަތުރުވެރިންގެ އަތުން ސާވިސް ޗާޖު ނަގަނީ ޑޮލަރުން ކަމަށްވާތީ، އެ ހައްޤު މުވައްޒަފުންނަށް ލިބިދޭން ޖެހޭނީވެސް ޑޮލަރުން ކަމަށް ޤާސިމް ވިދާޅުވިއެވެ.
"ޑޮލަރުން ނޫން ގޮތަކަށް މުވައްޒަފު މީހާ ސާވިސް ޗާޖު ލިބުގަތުމަށް އިންކާރު ކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތް،" ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ބައެއް ކުންފުނިތަކުން މުސާރަވެސް ދިވެހި ރުފިޔާއިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރު ފެތުރެމުންދާތީ، އެކަމާމެދުވެސް ޤާސިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މުވައްޒަފުންނާއެކު ވެފައިވާ އެއްބަސްވުމުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާނަމަ، އެ މުއްދަތުގައި މުސާރަ ދޭންޖެހޭނީ ޑޮލަރުން ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އަކީ އަމިއްލައަށްވެސް "ކެޓެގަރީ އޭ" ގެ ރިސޯޓުތަކެއް ހިންގަވާ ބޭފުޅެއް ކަމަށް ވިދާޅުވެ، މި ދަތިކަން ތަޖުރިބާކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމަށާއި، ޤާނޫނުންވެސް ރިސޯޓުތަކަށް ޑޮލަރު މާރުކުރުމުގައި ލުއި ލިބިދީފައިވާއިރު، ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމުން މުވައްޒަފުންނަށް ލިބޭނީ ބޮޑު ގެއްލުމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
މި މައްސަލައިގައި ޤާސިމް ވިދާޅުވީ، މުވައްޒަފުން މިކަމާ ދެކޮޅުހަދައި، ޤާނޫނުގައިވާ ގޮތުގެ މަތިން ޝަރީޢަތަށް ހުށަހަޅައިފިނަމަ، ނަތީޖާ ސާފުވެގެންދާނެ ކަމަށެވެ.