ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށްޓަކައި ވެސް މިހާރު ކުރަން ލަސްވެފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ގާސިމް މިހެން ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެފައިވާ ގޮތަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމާއި މަޖިލިސް މެންބަރުން އިންތިހާބުކުރުން އެއް ދުވަހަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިހާރު އޮތް ނިޒާމުގެ ސަބަބުން، އިންތިހާބުވާ ރައީސަކު މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަސް ހޭދަކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެ ސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސް އަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ވެސް ބައެއް ފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވެ އެވެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތުގެ ތެރެއިން އުފެދޭ ހަމަނުޖެހުންތަކާއި ކޮރަޕްޝަންގެ ތުހުމަތުތައް ވެސް މި ބަދަލާ އެކު ކުޑަވެގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި، މި ބަދަލަށް ތާއީދުކޮށް "ފެންނަ" ކަމަށް ވޯޓު ދިނުމަށް ގާސިމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ.
ގާސިމް މި ބަދަލަށް ތާއީދު ކުރެއްވި ނަމަވެސް، އިދިކޮޅު އެމްޑީޕީން ދަނީ މިކަމާ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލްކުރުމަށް އެމްޑީޕީން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.









