އެއްވެސް ސަރުކާރަކުން ގާސިމް އަތުން ކާޑެއްދޫ އެއާޕޯޓް އަތުނުލެވުނު ކަމަށާއި އެންމެ ފަހުން މި ސަރުކާރުން ޤާސިމް އަތުން ކާޑެއްދޫ އެއާޕޯޓް އަތުލީ އެ އެއާޕޯޓު ނުހިންގިގެން އެމަނިކުފާނު ދައުލަތަށް ދައްކަންޖެހޭ 33 މިލިއަން ޑޮލަރުގެ ޓެކްސް މަޢާފުކޮށްފައި ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ޤާސިމް އެކަން އިންކާރުކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ "ވޭކް އަޕް" ޖަލްސާގައި ޤާސިމަށް ބޮޑެތި ތުހުމަތުތަކެއް ޔާމީން ކުރައްވާފައިވާތީ މިރޭ ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާ ގުޅިގެން ޔާމީން ފަތުރަނީ ދޮގު ކަމަށާއި އެ ދޮގުތަކެއް ރައްޔިތުން ޤަބޫލުނުކުރާނެ ކަމަށެވެ. ޤާސިމް ވަނީ ރައީސް އޮފީހުން ވިލާ އެއާރ އަށް ފޮނުވި ސިޓީ ވެސް އެކްގައި އާންމުކޮށްފަ އެވެ.
އެ ސިޓީގައި ވާގޮތުން ކާޑެއްދޫ އެއާޕޯޓާއި އަދި އެ އެއާޕޯޓާއި ގުޅިގެން ތަރައްޤީ ކުރެވޭ މަޝްރޫޢުތަކަށް 100 މިލިޔަން އެމެރިކާ ޑޮލަރު އަރާނެ ކަމަށާއި ނަމަވެސް ބަދަލުގެ ގޮތުގައި 21 މިލިޔަން ޑޮލަރު ވިލާ ކުންފުނިން އެދުވަޑައިގެންފައިވާތީ ރައީސް އޮފީހުން ބެލި ބެލުމަށް އެ އެއާޕޯޓުގެ އަގަކީ 18.5 މިލިޔަން ޑޮލަރު ކަމަށެވެ. އަދި އެއާޕޯޓު ތަރައްޤީ ކުރުމަށް ޖާމިނުކޮށް ދައުލަތުގެ ފަރާތުން ވިލާ ކުންފުންޏަށް އދ. އަތޮޅުން ދޫކޮށްފައިވާ ދެ ރަށުގެ އަގަކީ 15 މިލިޔަން ޑޮލަރު ކަމަށާއި، އެހެންކަމުން ބަދަލުގެ ގޮތުގައި ދައުލަތުން ދޭން ޖެހެނީ 33.5 މިލިޔަން ޑޮލަރު ކަމަށެވެ.
އިކޮނޮމިކް ކައުންސިލްގެ މަޝްވަރާ ބައްދަލުވުމަށްފަހު އެ ކައުންސިލުން ވަނީ އެ މައްސަލަ ކުރިޔަށް ގެންދެވޭ ދެ ގޮތެއް ވިލާ ކުންފުންޏަށް ހުށަހަޅާފައެވެ. އެއްގޮތަކީ އެއާޕޯޓުގެ ހަރަދަށް ވިލާ ކުންފުނިން ކޮށްފައިވާ 18 މިލިޔަން ޑޮލަރު ދައުލަތަށް ބުރަ ނުވާނެ ގޮތަކަށް 18 މަސްދުވަހަށް ބަހާލައިގެން ވިލާ ކުންފުންޏަށް ދެއްކުމެވެ. އަނެއް ގޮތަކީ ވިލާ ގްރޫޕްގެ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާއިން 18 މަސްދުވަހަށް ބަހާލައިގެން އެޖަސްޓްމެންޓެއް ހެދުމެވެ.
ޤާސިމް ވިދާޅުވީ ކާޑެއްދޫ، އިންޓަރނޭޝަނަލް އެއާޕޯޓަކަށް ހެދުމުން ލިބޭނެ ފައިދާ ބޮޑުވާނެ ކަން އިނގިހުރެ ވެސް އެތަން ދޫކޮށްލީ ވީހާވެސް އަވަހަށް ސަރުކާރުން އެތަން ތަރައްޤީ ކުރަން ބޭނުންވާތީ ކަމަށެވެ. އަދި އެ އެއާޕޯޓު ހިންގައިން ވިލާ އަށް ލިބުނު ބޮޑު ގެއްލުމާއި އެތަނަށް ކުރި އިންވެސްޓްމަންޓަށް ބަލައި ސަރުކާރުން ވިލާ އަށް ދޭން ނިންމީ 18 މިލިޔަން ޑޮލަރު ކަމަށް ޤާސިމް ވިދާޅުވި އެވެ. އަމިއްލަ ފަރާތަކަށް ކާޑެއްދޫ ދޫކޮށްލަން ކުރި އިއުލާނާއި ގުޅިގެން ވިލާ އިން ހުށަހެޅި ޕްރޮޕޯސަލަށް އެ އެއާޕޯޓް ދޫކޮށްލެއްވީ ސަރުކާރަށް ގެއްލުންވާލެއް ބޮޑުކަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ އެ އޮފީހުން ހުށަހަޅާފައިވާ ގޮތަށް ވިލާ ކުންފުނިން އެއްބަސްވާނަމަ އެ ކުންފުންޏާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް ކަމާބެހޭ ވުޒާރާތަކުން ބަދަލު ދިނުމިގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ވިލާ ކުންފުންޏާއި ކާޑެއްދޫ އެއާޕޯޓް ހަވާލުކުރީ 2013 ވަނަ އަހަރު އެވެ. ނަމަވެސް 2017 އަހަރު ރައީސް ޔާމީން ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ. އެ މައްސަލައިގައި ކޯޓަށް ވިލާ ކުންފުނިން ވަނީ މައްސަލަ ވައްދާފައެވެ. އަދި 2018 ވަނަ ކޯޓުން ވަނީ އެއްބަސްވުން ދައުލަތުން ބާތިލުކުރީ ގޯސްކޮށްކަމަށް ބުނެ ކާޑެއްދޫ އެއާޕޯޓް އެ ކުންފުންޏާ ހަވާލުކުރުމަށް އަމުރުކޮށްފައެވެ. އަދި 2022 އަހަރު ވަނީ ވިލާ އާއި ދައުލަތާއި ދެމެދު އެއާޕޯޓުގެ އެއްބަސްވުން އަލުން ހަދާފަ އެވެ.