ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ އެއްއިރުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒުގަދަ ލީޑަރެވެ. 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު ވެރިކަމުން ފައިބައިވަޑައިގެންނެވި ނަމަވެސް، އިދިކޮޅު ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރެއްވުމުގެ ފުރިހަމަ ގާބިލުކަން އެމަނިކުފާނުގެ އޮތެވެ. ނަމަވެސް، މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވެރިކަންކުރާ ޕީއެންސީއާ ދެމެދު އޮތް ގުޅުން ކެނޑި، ޔާމީން ވަނީ އައު ޕާޓީއެއް (ޕީއެންއެފް) އުފައްދަވާފައެވެ. އަދި އެމަނިކުފާނުގެ އަރިހުގައި މިއަދު އެންމެ އިސްކޮށް ތިއްބެވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ އެންމެ ވަރުގަދަ ސިޔާސީ ކޯޅުންތަކުގައި ބައިވެރިވި ބައެއް ބޭފުޅުންނެވެ. މިއާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ: ޔާމީންގެ ސިޔާސީ ހަޔާތް ނިމުމަކާ ދިމާއަށް ގެންދަނީ އެމަނިކުފާނު އަރިހުގައި ތިބުމަށް އިހްތިޔާރުކުރެއްވި މި ބޭފުޅުން ހެއްޔެވެ؟
ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ބުނެއުޅޭ "އަހިވަކަކާ ޖެހި އަހިވަކެއް ފާވާނެ" މި ބަހަކީ، މީހަކު ކައިރިކުރާ މީހެއްގެ ސަބަބުން އެމީހެއްގެ މިސްރާބާއި ވިސްނުން ބަދަލުވެގެންދާ ގޮތް ބަޔާންކޮށްދޭ ހިކުމަތްތެރި ބަހެކެވެ. މިއަދު ޔާމީންގެ ވަށައިގެން ތިއްބެވި ސިޔާސީ ޝަހްސިއްޔަތުތަކަށް ބަލާއިރު މި ބަހުގެ މުހިންމުކަން ވަކިން ބޮޑަށް ހާމަވެއެވެ.
މީގެ އެންމެ ފާހަގަކޮށްލެވޭ މިސާލަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. 2013 ގެ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނަވައި ވެރިކަމަށް ވަޑައިގެންނެވި ޖަމީލް، 2015 ވަނަ އަހަރު މަގާމުން ވަކިކުރެވުނެވެ. ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހާމަކުރެއްވި ގޮތުގައި، ޖަމީލް މަގާމުން ވަކިކުރުމަށް އެންމެ ބޮޑަށް ބާރުއެޅުއްވީ ހުދު ޔާމީނެވެ. އެއީ މޭޑޭގެ ހަމަނުޖެހުންތަކާ ޖަމީލާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރައްވައެވެ.
އެހެންކަމަށް ވާނަމަ، އޭރު ނުރައްކަލެއްގެ ގޮތުގައި ދެކެވަޑައިގެންނެވި ޖަމީލަށް މިއަދު އަލުން އިތުބާރު ކުރެއްވުމަކީ ފުށުއެރުމެކެވެ. އެ ތުހުމަތުތަކަކީ ހަގީގަތެއް ނޫންނަމަ، އެއިން ދައްކުވައިދެނީ ޔާމީންގެ ވެރިކަމުގައި ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމުގެ އިތުބާރު ނެތްކަމެވެ.
ޔާމީންގެ އަރިހުން ދެން ފެންނަ އަނެއް ބޭފުޅަކީ މުހައްމަދު މަލީހް ޖަމާލެވެ. ޔާމީންގެ ކެބިނެޓުގައި ޒުވާނުންނާ ބެހޭ ވަޒީރުކަން ކުރެއްވި ނަމަވެސް، 2015 ގައި އޭނާވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް މިއަދު ޕީއެންއެފްގެ އެންމެ އިސް ސަފުން ފެންނަނީ މަލީހެވެ. ވެރިކަންކުރާ ޕީއެންސީން މިކަން ސިފަކުރަނީ ޔާމީންގެ ވެރިކަން ވައްޓާލަން އޭރު މަސައްކަތްކުރި މީހުން މިއަދު އެމަނިކުފާނުގެ ވަށައިގެން ޖަމާވެފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައެވެ.
ސިޔާސީ ގޮތުން ކޯލިޝަންތަކާއި ގުޅުންތައް ބަދަލުވުމަކީ އާންމު ކަމެކެވެ. ނަމަވެސް ޔާމީންގެ ސިޔާސީ ޝަހްސިއްޔަތު ބިނާވެފައިވަނީ ސާބިތުކަމާއި، ވަފާތެރިކަމުގެ މައްޗަށެވެ. އެހެންކަމުން، އެމަނިކުފާނުގެ ވެރިކަމަށް ނުރައްކާކުރި ކަމަށް ބުނެވުނު ފަރާތްތަކާ މިއަދު ބައިއަތު ހިފުމަކީ ސިޔާސީ ގޮތުން އެމަނިކުފާނުގެ ނިންމެވުންތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދަން އިދިކޮޅު ފަރާތްތަކަށް ލިބޭ ބޮޑު ހަތިޔާރެކެވެ.
ލީޑަރެއްގެ ބާރަކީ ހަމައެކަނި ދައްކާ ވާހަކައެއް ނޫނެވެ. އެއީ އެ ލީޑަރެއްގެ ވަށައިގެން ތިބޭ މީހުންގެ އިތުބާރެވެ. އެތައް ހިޔާލުތަފާތުވުންތަކެއް އޮތް ބަޔަކާއެކު އަލުން މަސައްކަތް ފެށުމުން، އާންމު ރައްޔިތުންނާއި ސަޕޯޓަރުންގެ ހިތުގައި އިތުބާރުގެ މައްސަލަ އުފެދެއެވެ.
ޕީއެންއެފް އުފެއްދެވުމަށްފަހު ބޭއްވި 2024 ގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ތާއީދު އޮތް އެއްވެސް ކެންޑިޑޭޓަކު ހޮވިފައި ނުވުމަކީ، ޔާމީން އަލުން ސިޔާސީ ބާރެއްގެ ގޮތުގައި ތެދުވުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމުގެ އަލާމާތެކެވެ.
ސިޔާސީ ޙަރަކާތެއް ދެމިއޮންނާނީ ހަމައެކަނި އެއް ލީޑަރެއްގެ ނަމަކުން ނޫނެވެ. އޭގެ ބަދަލުގައި ވަރުގަދަ އިންތިޒާމުތަކާއި، ޒުވާނުންނާއި، އާންމު ރައްޔިތުންގެ އިތުބާރު ބޭނުންވެއެވެ. ސޯޝަލް މީޑިއާގެ އަޑުގަދަކަމާއި، ޖަލްސާކުރާ ކުޑަ މާލަމެއް ފުރާލުމަކީ ވޯޓަކަށް ބަދަލުވާނެ ކަމެއް ނޫނެވެ.
ކުރީގެ ހުސޫމާތްތައް ހުރި ބޭފުޅުން އަރިހަށް ގެނައުމަކީ އެ ބޭފުޅުންގެ ތަޖުރިބާގެ ބޭނުން ހިފުމަށް ކުރެއްވި ކަމަކަށް ވެދާނެއެވެ. ނަމަވެސް އެ ތަޖުރިބާއާއެކު އަންނަ މާޒީގެ ހިޔަނިތަކަކީ ސިޔާސީ ގޮތުން ޔާމީނަށް އޮތް ނުރައްކަލެކެވެ.
އެހެންކަމުން، މުސްކުޅިން ބުނާ ފަދައިން "އަހިވަކަކާ ޖެހި އަހިވަކެއް ފާވާ" އުސޫލުން، އެމަނިކުފާނު ވަށައިގެން ތިބި މީހުންގެ ސިޔާސީ ސިފަތަކާއި މާޒީގެ ސަބަބުން، ޔާމީންގެ މުޅި ސިޔާސީ ހަޔާތް މިއަދު މިވަނީ ބަނަވެފައެވެ. ފުޑުފުޑުވެފައެވެ.









