ގުރައިދޫ އެއަރޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 18 ޖޫން 2025 21:11
ތ. ގުރައިދޫގައި އެއަރޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން. / ފޮޓޯ: އެމްޓީސީސީ
ތ. ގުރައިދޫގައި އެއަރޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މި މަޝްރޫޢުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމާއި 979 މީޓަރުގެ ސަރަޙައްދެއްގައި ހިލަ ރިވެޓްމެންޓް ޖެހުމާއި 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުން ހިމެނޭ.

ތ. ގުރައިދޫގައި އެއަރޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމާއި 979 މީޓަރުގެ ސަރަޙައްދެއްގައި ހިލަ ރިވެޓްމެންޓް ޖެހުމާއި 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢަކީ 106.02 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

2،272 މީހުންގެ އާބާދީއެއް އޮންނަ ތ. ގުރައިދޫއަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރިކުރުމަށްޓަކައި ޒިޔާރަތްކުރަމުން އަންނަ ރަށެކެވެ. މި ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަން ވިޔުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުރައިދޫގައި ގިނަ ޢަދަދެއްގެ ފިހާރަތަކާއި ވިޔަފާރިތަކެއް ކުރިއަށްދާތީ އެ ރަށް ވެފައިވަނީ ވިޔަފާރީގެ ހަބަކަށްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އެރަށުގައި އެއަރޕޯޓެއް އޮތުމަކީ އެރަށުގެ ރައްޔިތުންގެ ދުވަސްވީ ހުވަފެނެއް ކަމަށެވެ.

އެއަރޕޯޓުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާއިރު، އެކަމުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިއަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެރަށުގެ ރައްޔިތުން ދެކޭ ކަަމަށް އެމްޓީސީސީން ބުންޏެވެ.

އެހެންކަމުން މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަށްފަހު މުސްތަޤުބަލުގައި އެއަރޕޯޓް ހުޅުވިގެން ދިއުމަކީ މުޅި ތ. އަތޮޅަށްވެސް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން މި އެއަރޕޯޓްގެ ސަބަބުން މި ސަރަޙައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ދެކޭކަމަށް އެ ކުންފުނިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%