ކައުންސިލަރުންގެ ޢަދަދު މަދުކުރުމާ ގުޅޭ ގަރާރު ކޮމިޓީއަށް ފޮނުވައިފި

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 18 ޖޫން 2025 18:11
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު. / ފޮޓޯ: މަޖިލިސް
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު. / ފޮޓޯ: މަޖިލިސް
ޚުލާސާ

ކުދިކުދި ރަށްތަކުގައި ވެސް ފަސް ކައުންސިލަރުން ތިބެން ޖެހުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އިޞްލާޙުތައް ބޭނުންވާ ކަންކަންކަމުގައި ޝުޖާއު ވިދާޅުވި.

ކައުންސިލްތަކަށް އިންތިޚާބުކުރާ ކައުންސިލަރުންގެ ޢަދަދު މަދުކުރުމާމެދު މެންބަރުންގެ ޚިޔާލު ހޯދުމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ލާމަރުކަޒީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

އެ ގަރާރު މަޖިލީހުން ބަލައިގަނެފައިވަނީ މިއަދު ބޭއްވި މަޖިލިސް ޖަލްސާގައެވެ. އެ ގަރާރު ބަލައިގަތުމަށް 52 މެންބަރުން ވޯޓު ދެއްވި އިރު، ގަރާރު ބަލައި ނުގަތުމަށް 11 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

އެ ގަރާރާމެދު މަޖިލީހުގެ މެންބަރުން ވަނީ ތިން ދުވަހެއްގެ މަތިން ބަހުސް ކުރައްވާފައެވެ.

ގަރާރު ހުށަހަޅުއްވަމުން މެންބަރު ޝުޖާއު ވިދާޅުވެފައިވަނީ ދައުލަތުގެ ޚަރަދު ބޮޑުވެ، އިގްތިސާދު ހަރުދަނާކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، ޤާނޫނުގައި ބުނާތީ ކޮންމެ ރަށަކަށް މަދުވެގެން ފަސް ކައުންސިލަރުން ކޮންމެހެން ތިބުން ލާޒިމްކޮށްފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމާމެދު އާންމުންގެ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަކީ މިހާތަނަށް އެންމެ ގިނަ އިޞްލާޙު ގެނައި އެއް ޤާނޫނުކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް 15 އަހަރު ވެގެން ދިޔައިރުވެސް އެ ނިޒާމު އޮންނަނީ ސިޔާސީ ގޮތުން ކޮންމެ ސަރުކާރަކަށްވެސް ނިސްބަތްވާ އެކްޓިވިސްޓުންނަށް ޖާގަ ދިނުމަށް އޮންނަ ތަޅުމެއްގެ ގޮތުގައި ކަމަށާއި، އެ ނިޒާމުގެ ސަބަބުން ކައުންސިލްތައް ހިންގުމަށް އައި އިތުރު ބަދަލެއް އަދި ފަސޭހައެއް ނުވަތަ ރަށްރަށާއި އަތޮޅުގެ ތަރައްޤީއަށް ގެނެވުނު އިތުރު ބަދަލެއް ނުފެންނަ ކަމަށެވެ.

މިހާތަނަށް ކުރެވުނު ދިރާސާތަކުން ވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކައުންސިލަރުންގެ ޢަދަދާމެދު ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ކުދިކުދި ރަށްތަކުގައި ވެސް ފަސް ކައުންސިލަރުން ތިބެން ޖެހުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އިޞްލާޙުތައް ބޭނުންވާ ކަންކަންކަމުގައި ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތަކަށް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު މިއީ ހަމަ ކުރަންޖެހޭ ޚަރަދުތަކެއްތޯ ޝުޖާއު ވަނީ ސުވާލު އުފައްދަވާފައެވެ. ޝުޖާއު ވިދާޅުވީ މިފަދަ ކަންކަމާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި، ގަރާރު ހުށަހެޅުއްވީ މިފަދަ ކަންކަން ޙައްލުކުރުމަށްޓަކައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބެއްލެވުމަށް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%