ސްރީލަންކާގައި ހިންގާ ކޮލެޖުތަކެއް ސަސްޕެންޑުކޮށްފިއެވެ.
ލަންކާގެ ބައެއް ކޮލެޖުތައް ސަސްޕެންޑުކުރުމާ ގުޅިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ވަނީ ދިވެހި ދަރިވަރުން އެކަމަށް ސަމާލުވުމަށް މިއަދު އިލްތިމާސްކޮށްފައެވެ.
އެމްކިޔުއޭއިން ބުނީ، ލަންކާގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ބަލަހައްޓާ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން (ޓިވެކް)ގައި ރަޖިސްޓްރީކޮށްފައިވާ ބައެއް މަތީ ތައުލީމުދޭ މަރުކަޒުތައް ސަސްޕެންޑުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި މެޓްރޯޕޮލިޓަން ކޮލެޖާއި އީސޮފްޓްގެ ހުރިހާ ކެމްޕަސްތައް ހިމެނޭ ކަމަށެވެ.
މެޓްރޯޕޮލިޓަން ކޮލެޖުގައި ތައުލީމީ ދާއިރާއާއި، ބިޒްނަސް އާއި ސައިކޮލޮޖީ ފަދަ ދާއިރާތަކުން ކޯސްތައް ހިންގާއިރު އީސޮފްޓުން ކޮމްޕިއުޓިން އާއި އިންޖިނިއަރިން ހިމެނޭ ގޮތަށް ހަ ސްކޫލެއް ހިމެނެއެވެ.
އެ ކޮލެޖުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުން ވީއެންމެ އަވަހަކަށް އެ އޮތޯރިޓީގެ [email protected] އަށް އީމެއިލް ކުރުމަށް އެމްކިޔުއޭއިން ވަނީ އެދިފައެވެ.
މީގެ އިތުރުން އެ ކޮލެޖުތަކުގެ ކޯސްތަކުގައި މިވަގުތު އިތުރަށް އެންރޯލްވެގެން މަތީ ތައުލީމު ހާސިލުކުރުމަށް ނުފެށުމަށް ވެސް އެމްކިޔުއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.