ޅ. ނައިފަރުގައި ހިންގާ ފިހާރައެއް ފަޅާލައި، އެތަނުން ވަގަށް ގެންގޮސްފައިވާ ސާމާނު ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ ނައިފަރުގެ ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައެއް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ނައިފަރު ޕޮލިސް ސްޓޭޝަނުން ހުކުރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި އެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެންޓާއި އަތުކުރީ ގަޑި އާއި ޓެބްލެޓާއި މޮބައިލް ފޯނުގެ އިތުރުން ރަނާއި ރިހި ހިމެނޭހެން ގަހަނާ ވަނީ ހޯދާފައެވެ. އަދި ފިހާރައިގެ ކައުންޓަރު ހަލާކުކޮށްލައިގެން ކައުންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ވަނީ ހޯދާފައެވެ.
އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައި ވަނީ ނައިފަރުގެ ގެއެއް ބަަލައި ފާސްކޮށްގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބާކީ ހުރި ތަކެތި ހޯދާފައި ވަނީ ފަޅު ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރި ނަމަވެސް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.