އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 2ރ. ބަހަން ރޭ ފާސްކޮށްފި އެވެ.
އެމްޓީސީސީން އެގޮތަށް ފާސްކޮށްފައި ވަނީ މާލެ ބަސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.
އެމްޓީސީސީގެ ހިއްސާގެ ފައިދާގެ ގޮތުގައި މި އަހަރު ބެހުމަށް ނިންމާފައި ވަނީ ޖުމްލަ 5.5 މިލިޔަން ރުފިޔާ އެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި މުޅި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވެފައިވެ އެވެ. އެއީ އެމްޓީސީސީގެ ޖުމްލަ ހިއްސާދާރުންގެ 69.62 ޕަސެންޓެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5ރ. އިން، ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ %99.95 ޕަސެންޓު ވޯޓުންނެވެ.
މިދިޔަ އަހަރު އެމްޓީސީސީން ހިއްސާއަކަށް ބަހާފައި ވަނީ 3ރ. އެވެ.
ރޭގެ ޖަލްސާގައި ވަނީ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ފާސްކޮށްފައެ ވެ. އަދި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓު ވެސް ފާސްކޮށްފައިވެ އެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 44.8 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. އެއީ 2023 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 96.6 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، 53.6 ޕަސެންޓް ދަށް އަދަދެކެވެ.