2022 ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވުނު ޔޯގާ ދުވަހުގެ ހަރަކާތުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން، ހަމައެކަނި ސީދާ ހަމަލާ ދިނުމުގައި ބައިވެރިވި މީހުންގެ މައްޗަށް ދަޢުވާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ޔޯގާ ހަރަކާތަކީ އިންޑިއާ ހައި ކޮމިޝަނާއި ޔޫތު މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މި ހަރަކާތާއި ދެކޮޅަށް ބަޔަކު މުޒާހަރާކޮށް، ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ގަލޮޅު ދަނޑަށް ވަދެ، ބައިވެރިންނަށް ހަމަލާދިނެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން 20 މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ނިންމިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ނިންމާފައިވަނީ، ހަމައެކަނި ހަރަކާތުގެ ބައިވެރިންނަށް ސީދާ ހަމަލާދީ، ބިރުވެރިކަން އުފެއްދުމުގައި ބައިވެރިވިކަމަށް ހެކި ލިބިފައިވާ މީހުންގެ މައްޗަށް ދަޢުވާ ކުރިއަށް ގެންދިއުމަށެވެ. މި ނިންމުމަށް ވާސިލުވުމުގައި، މައްސަލައިގެ ޒާތަށާއި، ވޭތުވެދިޔަ މުއްދަތަށާއި، ދަޢުވާލިބޭ ފަރާތްތަކުގެ މުޖުތަމަޢުގެ ދައުރަށް ރިޢާޔަތްކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.ވެ.
މި މައްސަލާގައި ދަޢުވ ކޮށްފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާތައް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވެއެވެ.