5 އަހަރުތެރޭގައި ހުރިހާ ދިވެހިންނަށް ވަޒީފާ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ފެށިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސަރވޭ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނޭ މިންވަރަށް މި ޤައުމުގައި 5 އަހަރުގެ ތެރޭގައި އައު ވަޒީފާތައް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ އިތުރުން، އެމަނިކުފާނުގެ މެނިފެސްޓޯގެ އަސާސީ ބައެއްކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި، އެއަމާޒަށް ވާޞިލްވުމުގައި ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަމާޒަށް ވާޞިލްވުމުގެ ގޮތުން ފެށިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ ދާއިރާތަކެއް ވަޒީރުންގެ މަޖިލީހުން އެކަށައަޅުއްވައި ނިންމެވުމާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ ފަދަ ދިވެހީންގެ ޚިދުމަތް މުހިންމު ދާއިރާތަކުން ދިވެހީން އިތުރުކުރުމަށް ޚާއްޞަ އިނާޔަތްތައް ތަޢާރަފްކުރެއްވުމުގެ މަސައްކަތް ފެއްޓެވުމާއި، ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ އިތުރުން ޚާއްޞަ އިޤްތިޞާދީ މަޝްރޫޢުތައް ފެށިފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމަކީ އެންމެހައި ދިވެހިންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެމަސައްކަތުގައި ޝާމިލްވުމަށް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި، ސަރުކާރުން މި ފަހިކޮށްދޭ އާމުދަނީ ހޯދުމާއި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސަރވޭ ރިޕޯޓަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ހިރާސްތަކާއި އެކި ވަޒީފާތަކަށް ބޭނުންވާ ހުނަރުތަކާއި ދިވެހި ޒުވާނުންނަށް ވަޒީފާގެ މާޙައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން، ކުރު އަދި ދިގު ރާސްތާގެ ސްޓްރެޓެޖީތައް އެކުލަވާލެވި، ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތަކަށް ވާޞިލްވުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.