ޔުމްނު މައްސަލައިގެ އިންކުއަރީ ރިޕޯޓު އެއްވެސް ބަދަލެއް ނުގެނެސް އެންމެނަށް ފެންނާނެހެން ޢާންމުކުރުމަށް ރައީސް އަންގަވައިފި

އަައިޝަތު ޒީނާ | 5 ގަޑިއިރު ކުރިން - 17 ޖޫން 2025 13:05
ކުއްލި ޚަބަރު: ޔުމްނު މައްސަލައިގެ އިންކުއަރީ ރިޕޯޓު ހާމަކުރަން ރައީސް އަންގަވއިފި
ކުއްލި ޚަބަރު: ޔުމްނު މައްސަލައިގެ އިންކުއަރީ ރިޕޯޓު ހާމަކުރަން ރައީސް އަންގަވއިފި
ޚުލާސާ

ރައީސް ވިދާޅުވީ އެމަނިކުފާނަށް ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި، ރިޕޯޓު އެއްކޮށް ޝާއިޢުކުރުމަށް ލަފާދެއްވާފައިވާ ކަމަށް.

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓި، އަނިޔާވި ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ހަޤީޤަތް ހޯދުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ތަޙުޤީޤީ ރިޕޯޓު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

ޔުމްނު ރަޝީދުގެ މައްސަލައިގެ ހަޤީޤަތް ހޯދުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިންމާ، އޭގެ ރިޕޯޓު ރައީސް އަށް ހުށަހަޅާފައިވާކަމަށް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

އެއާ ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނަށް ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި، ރިޕޯޓު އެއްކޮށް ޝާއިޢުކުރުމަށް ލަފާދެއްވާފައިވާ ކަމަށެވެ.

ކޮމިޝަނުގެ ރައީސަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރެވެ. ކޮމިޝަނުގައި ހިމެނެނީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު، ޑރ. މޫސާ މުރާދު، ކްލިނިކަލް ނަރުސް ޖަބީން މުޙައްމަދު އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސްވެރިއެއް ކަމަށްވާ އާމިނަތު އީނާސްއެވެ.

ރައީސް މި ކޮމިޝަން އުފެއްދެވީ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަޙުޤީޤާއި މެދު އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ، އިންސާފަށް އެދި މުޒާހަރާތަކެއް ފެށުމާއި ގުޅިގެންނެވެ. ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މައްސަލައިގެ ހަޤީޤަތް ހޯދުމާއި، ފުލުހުންގެ ތަޙުޤީޤު ހިންގާފައިވަނީ ރަނގަޅަށްތޯ ބެލުން ހިމެނެއެވެ.

މި މައްސަލައިގައި އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފުލުހުން ދީފައިވާ މަޢުލޫމާތުތައް ދިމާނުވުމާއި، ތުހުމަތުކުރެވޭ ފަރާތްތަކާމެދު އާންމު އުސޫލާއި ޚިލާފަށް ލުއި ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވުމެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ވެސް ހައްޔަރުކުރީ ހަމައެކަނި ރައުދު އަހުމަދު ޒިލާލެވެ. އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިމަހުގެ ހަތަރު ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި، 18 އެޕްރީލް 2025 ވަނަ ދުވަހުގެ ފަތިހު 4:54 އެހައިކަށްހާއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، ރައުދު އަހުމަދު ޒިލާލް އޭނާއަށް އެހީތެރިވެދީފައި ނުވާކަމަށާއި، އަދި އެހީތެރިކަން ހޯދުމަށް އެދި ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އޭނާގެ މައްޗަށް އުފުލާ ދަޢުވާ ސާބިތުވެއްޖެނަމަ، 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިއީ މިފަދަ ކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބެވެ.

މީގެ އިތުރުން، މިހާތަނަށްވެސް މި މައްސަލައާ ގުޅޭގޮތުން ޔުމްނުގެ ބަޔާން ފުލުހުންނަށް ނެގިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ފުލުހުން މީގެ ކުރިންވެސް ބުނެފައިވަނީ މައްސަލައިގެ ތަޙުޤީޤަށް ޔުމްނުގެ ޢާއިލާގެ ފަރާތުންވެސް އެއްބާރުލުން ނުލިބޭ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%