މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓި، އަނިޔާވި ހައްވާ ޔުމްނު ރަޝީދުހެ މައްސަލައިގެ ހަޤީޤަތް ހޯދުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިންމާ، އޭގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހުށަހަޅައިފިއެވެ.
އިންކުއަރީ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ކޮމިޝަނާ ޙަވާލުކުރެވުނު މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސް އަށް ހުށަހަޅިކަން ޔަގީންކޮށްދެއްވާފައެވެ.
މި ކޮމިޝަނުގެ ރައީސަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރެވެ. ކޮމިޝަނުގައި ހިމެނެނީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު، ޑރ. މޫސާ މުރާދު، ކްލިނިކަލް ނަރުސް ޖަބީން މުޙައްމަދު އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސްވެރިއެއް ކަމަށްވާ އާމިނަތު އީނާސްއެވެ.
މައްސަލައިގެ ތަޙްޤީޤު ފުޅާކުރުމަށް އެ ކޮމިޝަނުން ޚާއްޞަ ޕޯޓަލް އެއް ވެސް ތަޢާރަފް ކުރިކަން ފާހަގަ ކުރެވެއެވެ.
ރައީސް މި ކޮމިޝަން އުފެއްދެވީ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަޙުޤީޤާއި މެދު އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ، އިންސާފަށް އެދި މުޒާހަރާތަކެއް ފެށުމާއި ގުޅިގެންނެވެ. ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މައްސަލައިގެ ހަޤީޤަތް ހޯދުމާއި، ފުލުހުންގެ ތަޙުޤީޤު ހިންގާފައިވަނީ ރަނގަޅަށްތޯ ބެލުން ހިމެނެއެވެ.
މި މައްސަލައިގައި އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފުލުހުން ދީފައިވާ މަޢުލޫމާތުތައް ދިމާނުވުމާއި، ތުހުމަތުކުރެވޭ ފަރާތްތަކާމެދު އާންމު އުސޫލާއި ޚިލާފަށް ލުއި ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވުމެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ވެސް ހައްޔަރުކުރީ ހަމައެކަނި ރައުދު އަހުމަދު ޒިލާލެވެ. އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިމަހުގެ ހަތަރު ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.
ދައުވާގައި ބުނެފައިވާ ގޮތުގައި، 18 އެޕްރީލް 2025 ވަނަ ދުވަހުގެ ފަތިހު 4:54 އެހައިކަށްހާއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، ރައުދު އަހުމަދު ޒިލާލް އޭނާއަށް އެހީތެރިވެދީފައި ނުވާކަމަށާއި، އަދި އެހީތެރިކަން ހޯދުމަށް އެދި ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އޭނާގެ މައްޗަށް އުފުލާ ދަޢުވާ ސާބިތުވެއްޖެނަމަ، 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިއީ މިފަދަ ކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބެވެ.
ފުލުހުން މީގެ ކުރިންވެސް ބުނެފައިވަނީ މައްސަލައިގެ ތަޙުޤީޤަށް ޔުމްނުގެ ޢާއިލާގެ ފަރާތުންވެސް އެއްބާރުލުން ނުލިބޭ ކަމަށެވެ.