އީރާނުން އިސްރާއީލްގެ އެންމެ އެތެރެއަށް ރޭ ހަމަލާ ދީފިއެވެ. އީރާނުގެ ސިފައިން ސިފަކުރި ގޮތުގައި ރޭގެ ހަމަލާއަކީ "ވަރަށް ބޮޑު އަދި ވަރުގަދަ" ކޮމްބައިންޑް މިސައިލް ޑްރޯން ހަމަލާއެކެވެ.
ރޭގެ ހަމަލާގައި ޓެލް އަވީވް، ހައިފާ، ޕެޓާ ޓިކްވާ، ބްނައި ބްރާކް، އަދި ބާޓް ޔަމް ފަދަ ސިޓީ ތަކަށް ހަމަލާތައް ދިނެވެ.
މިހާތަނަށް ގާތްގަނޑަކަށް 350 މިސައިލް ފޮނުވާފައިވާއިރު ރޭ ލޯންޗުކުރި 65 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލްތަކާއި ޑްރޯން ތައް ހުއްޓުވުމުގައި އިސްރާއީލް ނާކާމިޔާބުވިއެވެ، އީރާނުން ދިން ހަމަލާގައި ރޭ ވެސް މަދުވެގެން 8 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ. ޕެޓާ ޓިކްވާގައި ހަތަރު މީހުން، ހައިފާގައި ތިން މީހުން ބްނައި ބްރާކްގައި އެކަކު މަރުވިއިރު އެތައް ބަޔަކަށް ހޮސްޕިޓަލް ތަކުގައި ދަނީ ފަރުވާ ދެމުންނެވެ.
ރޭގެ ހަމަލާތަކުގައި އިންފްރާސްޓްރަކްޗަރ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ބާޒާން/ހައިފާ ތެޔޮ ރިފައިނަރީ މިހާރު ވަނީ މުޅިން ހުއްޓުވުމަށް އައިސްފައެވެ،
އީރާނުގެ ހަމަލާތަކުގައި މީހުން ދިރިއުޅޭ އިމާރާތްތައް ވެއްޓި، ޓެލް އަވީވްގައި ހުންނަ އެމެރިކާ އެމްބަސީގެ ގޮފީގެ ބަޔަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި ކަމަށް ކަށަވަރު މަސްދަރުތަކުން ޚަބަރު ލިބެއެވެ. އީރާނުން ފޮނުވައިލި މިސައިލް ޓެލް އަވީވް ގައި ހުރި އެމެރިކާގެ އެމްބަސީ އަށް އަމާޒުވެ އެތަނުގައި ވަނީ ހުޅު ރޯވެފައެވެ. އެމެރިކާއިން މިކަމާއި ގުޅިގެން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.