ސިނަމާލެ ބުރިޖަކީ ރާއްޖެއާއި ޗައިނާގެ އިންޖިނޭރުންގެ ކުޅަދާނަ މަސައްކަތް: ޗައިނާ ސަފީރު

އާނާ ފަހީމް | 7 ގަޑިއިރު ކުރިން - 16 ޖޫން 2025 13:26
ސިނަމާލެ ބްރިޖު ނޭޅޭނެއޭ ބުނުމުން، އެކަން ޙަޤީޤަތަކަށް ހަދައިދިނީ އަދުގެ ރައީސް ނުވަތަ އޭރުގެ މަޝްހޫރު ސިވިލް އިންޖިނިއަރު އަދި ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު.
ސިނަމާލެ ބްރިޖު ނޭޅޭނެއޭ ބުނުމުން، އެކަން ޙަޤީޤަތަކަށް ހަދައިދިނީ އަދުގެ ރައީސް ނުވަތަ އޭރުގެ މަޝްހޫރު ސިވިލް އިންޖިނިއަރު އަދި ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު.
ޚުލާސާ

ސިނަމާލެ ބުރިޖު އިފްތިތާޙުކުރި ދުވަސް އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާއި ގުޅިގެން, އެ ބުރިޖަކީ މުޖުތަމަޢުގެ ކުރިއެރުމަށް އިންޖިނޭރުންގެ މުހިންމުކަން ރަމްޒުކޮށްދޭ ބިނާއެއްކަމަށް ސަފީރު ވިދާޅުވި.

ސިނަމާލެ ބުރިޖަކީ މުޖުތަމަޢުގެ ކުރިއެރުމަށް އިންޖިނޭރުންގެ މުހިންމުކަން ރަމްޒުކޮށްދޭ ބިނާއެއްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު މިފަދައިން ވިދާޅުވެފައިވަނީ މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޒިއަންހުއާ މިހެން ވިދާޅުވީ ސިނަމާލެ ބުރިޖު އިފްތިތާޙުކުރި ދުވަސްކަމުގައިވާ އޮގަސްޓް މަހުގެ 30ވަނަ ދުވަހަކީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއާއި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ކުޅަދާނަ މަސައްކަތުން ބިނާކުރި ސިނަމާލެ ބުރިޖު، ދިވެހިންގެ ދިރިއުޅުމާއި ރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށެވެ. އެހެންކަމުން އިންޖިނޭރުންނަކީ ދިރިއުޅުމާއި މުޖުތަމަޢުގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. އަދި ޙައްޤު އިހްތިރާމާއި ޤަދަރު އިންޖިނޭރުންނަށް ލިބެންޖެހޭކަންވެސް ސަފީރު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 30ވަނަ ދުވަހަކީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ އިއްޔެއެވެ. މި ދުވަސް ނިސްބަތްކޮށްފައިވަނީ ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަށެވެ. ސިނަމާލެ ބްރިޖު އިފްތިތާހު ކުރީ 30 އޮގަސްޓު 2018ގައެވެ.

ސިނަމާލެ ބުރިޖު އެޅުމުގެ ޢަމަލީ މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. ބުރިޖުގެ މަސައްކަތް ނިމުނީ 3 އަހަރާއި 11 މަސް ދުވަހުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%