12 މީހުންނާއެކު ގަދަ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް ހާލުގައި ޖެހުނު ލޯންޗެއް މެރިން ޕޮލިސް އިން ސަލާމަތް ކޮށްފިއެވެ.
މެރިން ޕޮލިހުން ބުނީ މި ހަދިސާ ހިނގި މިއަދު ހެނދުނު 8:08 ހާއިރު ކަމަށެވެ. އެއި، އއ. އަތޮޅުން މާލެއަށް ދަތުރުކުރަމުން އައި "ސަނޯރާ ވޭކް" ނަމަކަށް ކިޔާ ލޯންޗެއް ކަމަށާއި، ކަނޑު ގަދަވެ ވައި ބާރުވުމުގެ ސަބަބުން އެ ލޯންޗުގެ ވިންޑް ސްކްރީން ވެސް ތަޅައިގެން ގޮސް ލޯންޗް ތެރެއަށް ރާޅު އެރި ކަމަށް މެރިން ޕޮލިހުން ބުންޏެވެ.
މެރިން ޕޮލިސްއިން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ކ. ގިރާވަރު ކައިރީގައެވެ. ލޯންޗަށް ރާޅު އަރަމުން ދިޔުމާއި ގުޅިގެން، އެ ލޯންޗުން ދަތުރުކުރި 12 މީހުން ރައްކާތެރިކަމާއެކު މާލެ ގެނެވިފައިވާ ކަމަށް ވެސް މެރިން ޕޮލިސްއިން ވަނީ ހާމަކޮށްފައެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށް ވާތީ، ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.