މި މަހު ރ. އަތޮޅުގައި އަދި އަންނަ މަހު ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނ ތައްޔާރުވަމުން އަންނަ ކަމަށް އެމްޓީސީސީން އިއްޔެ ބުނެފި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އާރްޓީއެލް ފެރީގެ ހިދުމަތް ދެން އެންމެ އަވަހަށް ފަށާނީ ރ. އަތޮޅުގައި ކަމަށެވެ. މި މަސް ނިމެންވާއިރަށް ރ. އަތޮޅުގައި އެ ހިދުމަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ މަސް ނިމެންވާއިރަށް ބ. އަތޮޅުގައި ވެސް އާރްޓީއެލް ފެރީގެ ހިދުމަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ ރ. އަތޮޅުގައި އާރްޓީއެލް ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށްއެ އަތޮޅުގައި އާރްޓީއެލް ހިދުމަތަށް އާންމުން ހޭލުންތެރިކުރުމަށް ހަފުތާއަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ވެސް މިއަދު ފަށާނެ ކަމަށެވެ.
މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އާރުޓީއެލް ހައި ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެކެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު ދެނީ ހއ, ހދ, ށ. ނ, ޅ, ގއ, ގދ, ފުވައްމުލައް އަދި އައްޑޫގަ އެވެ.