ސައިކަލަކާއި ވަޑާންކުރާ ސާމާނާއި އަދިވެސް އެހެން އެއްޗެހި ވަގަށް ނަގައިގެން އުޅޭ މީހަކު މާލެއިން ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރ. އަލިފުށި, ހަބީބީހެޕް، އިސްމާޢީލް ސާއިފް, 39 އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު އޭނާ ހައްޔަރުކުރީ މާލެތެރެ ޕެޓްރޯލްކުރަމުގައި އުޅުނު ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ކަމަށެވެ.
އޭނާ ހުއްޓުވައި, އޭނާ އެ ވަގުތު އަރައި އިން ސައިކަލުގައި ތަޅުދަނޑި ޖަހާފައި ހުރުމުން އިތުރަށް މައުލޫމާތު ސާފުކުރުމުން އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ބަލައި ފާސްކުރި އިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ވެސް ފެނިފައިވާ ކަމަށެވެ. އޭނާގެ އަތުން ފެނުނު އެ ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނާ އެ ވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައި ފާސްކުރި އިރު ވަގަށް ނަގާފައިވާ ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.