އިސްރާއިލުން އީރާނަށް ދިން ހަމަލާތައް ރައީސް ކުށްވެރިކުރައްވައިފި

އަހްމަދު އީޒާން | 19 ގަޑިއިރު ކުރިން - 13 ޖޫން 2025 18:54
ރައީސް ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއިލުން އީރާނަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް.

އިސްރާއީލުގެ ޔަހޫދީ ދައުލަތުން ރޭ އީރާނަށް ދިން ޙަމަލާތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުށްވެރިކުރައްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއިލުން އީރާނަށް ދިން ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

އިސްރާއީލުގެ މި ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލުތަކެއް ކަމަށާއި އޭގެ ސަބަބުން ސަރަޙައްދީ ހަމަނުޖެހުން އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

އިސްރާއީލުގެ ޙަމަލާތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ވެސް މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު އެ ބަޔާނުގައި ބުނީ އިސްރާއިލުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު މި ޢަމަލަކީ މެދުއިރުމަތީގެ ސުލްޙަ އާއި ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށެވެ.

މި ޢަމަލަކީ ސަރަޙައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށާއި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާއަށް މެދުކެނޑުމެއް ނެތި ދެމުންގެންދާ ޙަމަލާތަކާ ދިމާކޮށް އީރާނަށް ދިން ޙަމަލާތަކާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%