އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ "ކޫލް ސްކޫލް ޕްރޮޖެކްޓް" ގެ ދަށުން ސަރުކާރު ސްކޫލްތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި މިއަދު ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) މޭޖަރ ރިޓަޔަރޑް މުހައްމަދު ނަޖާހެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާގައި މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވީ، މި ޕްރޮޖެކްޓްގެ މަޤްޞަދަކީ ވީހާވެސް ހިތްފަސޭހަ، ކުދިން ގަޔާވާ ފަދަ ލާނިންގ އެންވަޔަރަންމަންޓެއް ސްކޫލުތަކުގައި ޤާއިމުކުރުން ކަމަށެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ހޫނުގަދަވަމުން ދިއުމާއެކު، ގިނަ ކުދިން ކިޔަވަމުންދަނީ 42 ނުވަތަ 43 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއްގައި ކަމަށާއި، މިކަމުގެ ސަބަބުން ކުދިންނަށް ލޮޑުކަމާއި، ކިޔަވާ ހިތްނުވުމާއި، ވަރުބަލިކަން އިހުސާސްވެ، ކޮންސެންޓްރޭޝަނަށް ބޮޑު އަސަރެއް ކުރާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 500 އަށްވުރެ ގިނަ ކްލާސްރޫމް އެއަރކޮންޑިޝަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި ޕްރޮޖެކްޓް ނިމޭއިރު ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކުރެވޭނެއެވެ. މީގެ އިތުރުން، ކޮންމެ ސްކޫލަކަށް ބޭނުންވާ 100 އިންސައްތަ ކަރަންޓް ސޯލާއިން ލިބޭނެ ގޮތްވެސް ހަމަޖެހިގެންދާނެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓަށް ޖުމްލަ 55 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އަދި މިހާތަނަށް 401 ކްލާސްރޫމުގައި 802 އޭސީ ހަރުކުރެވިފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މި ޕްރޮޖެކްޓް 2 އަހަރުގެ މުއްދަތަށް ރޭވިފައިވީ ނަމަވެސް، ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ އެދުމުގެ މަތިން މި އަހަރުގެ ސެޕްޓެންބަރު މަހު އޭސީ ފޮނުވައި ހަރުކުރުމަށް އަމާޒުކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި ޕްރޮޖެކްޓް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. މި ޕްރޮޖެކްޓަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުން ކުރިއަށްދާ މަޝްރޫޢަކަށް ވުމާއެކު، މި މަސައްކަތުގައި އެއްވެސް ކަހަލަ މަޑުޖެހުމެއް ނާންނާނެކަން މިނިސްޓަރު ޔަޤީންކޮށްދެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ބައެއް ނޫސްތަކުން މި ޕްރޮޖެކްޓަށް 600 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އެއީ ރަނގަޅު ހިސާބެއް ނޫނެވެ. ހުރިހާ ސްކޫލުތަކެއްގައި ހުރި ހުރިހާ ކްލާސްރޫމްތަކާއި، އަދި ސިލެކްޓްކޮށްފައިވާ ހޯލުތަކުގައި އޭސީތައް ހަރުކުރުމުގެ އަގާއެކު 55 މިލިއަން ރުފިޔާގެ ތެރެއިން ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓް ނިމުމުން، ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކާއި ހޯލުތަކުގައި އޭސީ ހަރުކުރެވިފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށާއި، އުނގެނުމުގެ މާޙައުލު އިތުރަށް ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.