ރިޕަބްލިކް އޮފް ފިލިޕީންސްގެ ރައީސް، ފާދިނަންދް ރޮހްމޫއަލްޑެޒް މަރްކޯޒްއަށް، އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ފިލިޕީންސްގެ މިނިވަންދުވަހުގެ ތަހުނިޔާ، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާއެކު ފޮނުއްވާފައިވާކަމަށް ބަޔާންކުރައްވާފައިވެއެވެ.
މީގެއިތުރުން، ރައީސްގެ ތަހުނިޔާ މެސެޖު ނިންމަވާލައްވާފައިވަނީ ފިލިޕީންސްގެ ރައީސް މަރްކޯޒްއަށް ދުޅަހެޔޮ ސިއްހަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެގައުމަށާއި އެގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.