އިންޑިއާގެ ގުޖުރާތު ސްޓޭޓުގައި އެއަރ އިންޑިއާގެ ފްލައިޓެއް ވެއްޓުނު ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތާމަ ފާޅުކުރައްވައިފިއެވެ.
މި ހިތާމަވެރި ހާދިސާގައި 242 ފަސިންޖަރުންނާއި ފަޅުވެރިން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އެގޮތުން އަހްމަދުއާބާދު ސިޓީގެ ޕޮލިސް ކޮމިޝަނަރު، ޖީ.އެސް މާލިކް އާއި ހަވާލާދީ އެސޯސިއޭޓް ޕްރެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ވިދާޅުވެފައިވަނީ މި ޙާދިސާގައި ބޯޓުގައި ތިބި އެއްވެސް މީހަކު ސަލާމަތްވި ކަމަށް ނުބެލެވޭ ކަމަށާއި އެންމެން ނިޔާވެފައިވާ ކަމަށެވެ.
ވެއްޓުނު ފްލައިޓަކީ ބޯއިންގ 787-800 ޑްރީމްލައިނަރ މަރުކާގެ ޒަމާނީ ބޯޓެކެވެ.
މި ޙާދިސާއާ ގުޅިގެން އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "އެއަރ އިންޑިއާގެ ފްލައިޓު ވެއްޓުމުގެ ހިތާމަވެރި ޙާދިސާއާ ގުޅިގެން އަޅުގަނޑު ވަރަށް ބޮޑަށް ހަމްދަރުދީ ފާޅުކުރަން. މި އުނދަގޫ ދަނޑިވަޅުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކު އަޅުގަނޑު ހުރިކަން އަންގައިދެން." މިފަދައިންނެވެ.
މި ޙާދިސާއާ ގުޅިގެން ގުޖުރާތުގެ ވައިގެ ސަރަޙައްދު ބަންދުކޮށް، އަޙްމަދާބާދު އެއަރޕޯޓުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.