ދި ހެލެނިކް ރިޕަބްލިކް (ގްރީސް) އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނީ ދި ހެލެނިކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރު އަލިކި ކޫޓްސޮމިޓޮޕޫލޫ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ މުއިއްޒަށް މިއަދު އަރުވާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވަނީ އާ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް އޮފީހުން ބުނީ އާ ސަފީރާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރެވިދާނޭ ގޮތްތަކާ މެދު މަޝްވަރާކުރެއްވި ކަމަށާއި އިގުތިސާދީ ގޮތުން އެއްބާރުލުން ދިނުމާއި ތައުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާއި ފަތުރުވެރިކަން އިޝްތިހާރުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރުމާ މެދުގައި ވެސް މަޝްވަރާކުރެއްވި ކަމަށެވެ.
ދެ ގައުމަށް ވެސް ފައިދާކުރަނިވި ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ހުރި އިތުރު ފުރުސަތުތައް ހޯދުމަށް ގާތުން މަސައްކަތްކުރުމަށް ގަސްދުކުރައްވާ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ އާއި ގްރީސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ، 17 ސެޕްޓެމްބަރު 1983 ގައެވެ.