އުޒްބެކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނީ އުޒްބެކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ނޮން-ރެސިޑެންޓް ސަފީރު ސަރްދޯ ރުސްތަމްބޭވް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުއިއްޒަށް މިއަދު އަރުވާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އުޒްބެކިސްތާނުގެ އާ ސަފީރު އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން ރައީސް މަރުހަބާ ވިދާޅުވި ކަމަށެވެ.
އާ ސަފީރާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށާއި އޭގެ ތެރޭގައި، ވިޔަފާރި އާއި އިގުތިސާދާއި އަދި ތައުލީމީ ދާއިރާގެ ފުރުސަތުތައް އިތުރަށް ފަހިކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ވާހަކަދައްކަވާފައެވެ.
ރާއްޖެ އާއި އުޒްބެކިސްތާނާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރީ، 7 ޑިސެމްބަރު 1994 ގައެވެ.