18 ކިލޯގްރާމްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ކަސްޓަމްސް އިން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި 18 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، މިތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ކުރެެއްވި ޕޯސްޓުގައި ވަނީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވާފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާފަރާތްތަކަށް ފަހިކޮށް އޮތް މާޙައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެންނާނީ މި ސަރުކާރުންކަން ވަޒީރު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރައްވާނީ ޑިމާންޑަށްވުރެ ސަޕްލައި ސައިޑަށް އިސްކަންދެއްވައިގެން ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.