މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ކަހަލަ ޤައުމުތައް ނުރައްކަލާ ކުރިމަތިލާން ޖެހުނަސް، އެ ނުރައްކަލުން އަރައިގަތުމަށް އެންމެ ކުރީސަފުގައި އަބަދުވެސް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ފްރާންސްގައި މިހާރު ކުރިއަށް ގެންދާ އދ. ގެ އޯޝަން ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން ޝިޔާމް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ އަދި އެ ނުރައްކަލާ ރާއްޖެއިން ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަތައް މަރުވުމަކީ ހަމައެކަނި ސައިންސްވެރިން ފާހަގަކުރާ ކަންބޮޑުވުމެއް ނޫން ކަމަށާއި އެއީ ދިވެހީންގެ ދިރިއުޅުމުގެ ހަގީގަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހޫނުމިން އިތުރުވެ، މަހުގެ ސްޓޮކް ކުޑަވަމުންދާ ކަމަށާއި ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަނޑުގެ ވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކަނޑަކީ ސީދާ ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވާ ވަސީލަތެއް ކަމަށާއި އެއީ ދިވެހީންގެ ދިރިއުޅުމާއި ސަގާފަތް ރަމްޒުކޮށްދޭ އެއްޗެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ 93 އަށް ވުރެ ގިނަ ސަރަޙައްދު ހިމާޔަތްކޮށް، އދ. ގެ އޯޝަންސް ކޮންފަރެންސްގެ ލަނޑުދަނޑިތައް ހާސިލްކޮށްފައިވާ ކަމަށެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކަލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ކަނޑާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމުމުގައި ކަނޑަށް އެންމެ ބޮޑަށް ބަރޯސާވާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބަސް ހިމެނެން ޖެހޭ ކަމަށާއި ކަނޑުގެ މުސްތަގުބަލަކީ މަދު ބަޔަކަށް ލިޔެވިދާނެ އެއްޗެއް ނޫން ކަމަށެވެ.
ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އެހީތެރިކަން ހޯދުމުގައި ގޮންޖެހުންތައް ހުންނަ ކަމަށާއި އެހެންވެ، އެފަދަ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްޤީވެފައިވާ ޤައުމުތަކަށާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކަށް ޝިޔާމްގެ ތަގުރީރުގައި ގޮވާލެއްވިއެވެ.
ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ދެވޭ ލޯނުތައް މާފުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.