ދިވެހިރާއްޖެއާއި ސްރީލަންކާގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވެއްޖެއެވެ. ސަފީރު މިފަދައިން ވިދާޅުވީ، ސްރީލަންކާގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވީ، ރާއްޖެއާއި ލަންކާ އަކީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް އޮތް ދެޤައުމު ކަމަށާއި، ވިޔަފާރި އާއި އެނޫން ގޮތްގޮތުން ވެސް މުއްސަނދި ތާރީޚެއް ހިއްސާކުރާ ދެ ޤައުމުކަމަށެވެ. މި އަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ އަހަރު ކަމުން، މިނިވަން ދުވަހުގެ ހަރަކާތްތަކާއެކު އެކީގައި ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރުން ދިވެހި ހައިކޮމިޝަންގެ ފަރާތުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
"ދެޤައުމުގެ ގުޅުމަށްވެސް ވަރަށް މުހިންމު ތާރީޚެއް މިއީ 26 ޖުލައި 2025 އަކީ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ބަޖެޓަށް އަސަރުނުކުރާނެ ގޮތަކަށް މިކޮޅުގައި ހަރަކާތްަކާތްތެރިވާ ދިވެހިންނާގުޅިގެން ވަރަށް ނަލަކޮށް ޖުލައި 26 ފާހަގަކުރަން," ސަފީރު މަސްޢޫދު ވިދާޅުވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ، މި ހަރަކާތްތަކުގައި ދެ ތީމެއް ހިމެނޭނެ ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމާއި، ރާއްޖެއާއި ލަންކާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމެވެ. މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ސަރުކާރުގެ އިސްވެރިންނާއި، ޑިޕްލޮމެޓުންނަށް ދަޢުވަތު އަރުވާނެ ކަމަށާއި، ލަންކާގެ ރައީސް ވެސް ވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު މަސްޢޫދު ޢިމާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ވީހާވެސް ގާތުން މަސައްކަތްކުރުމަށް އިސްކަމެއްދެއްވައެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހި މުޖުތަމަޢުގެ އިޖްތިމާޢީ ގުޅުން ބަދަހިކޮށް، ވަރުގަދަކުރުމަށް އެ ޤައުމުގައޤައުމުގައި ހުންނަ ރާއްޖޭގެ ކަލްޗަރަލް ސެންޓަރާއި ދިވެހި ހައިކޮމިޝަން ގުޅިގެން މަސައްކަތްކުރަމުންދާކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ އުރާ އަދި ދިވެހިންގެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ޤައުމެކެވެ. ރާއްޖެއަށް އިނގިރޭސީންގެ ހިމާޔަތުން ނެއްޓި ފުރިހަމަ މިނިވަންކަން ލިބުމާއެކު ރަސްމީ ސިފައެއްގައި ޚާރިޖީގުޅުން އެންމެ ފުރަތަމަ ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެއެވެ.









