އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް (އެފްއޭއޯ)ގެ އޮފީހެއް ރާއްޖޭގައި ހަދަން މަޝްވަރާކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ގާއިމްކޮށް, މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް ދެއްވާފައިވާ ކަމަށެވެ.
އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް އެ ޔަގީންކަން ދެއްވީ ދުނިޔޭގެ ކަނޑުތަކުގެ ކޮންފަރެންސް (ޔޫއެންއޯސީ)ގެ ތިންވަނަ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވަނީ އެފްއޭއޯ އިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި އެންކަޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެ ޖަމިއްޔާއިން ދިން އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓްރީން ބުނީ ގުޅިގެން މަސައްކަތް ކުރެވެންހުރި ދާއިރާތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށެވެ. އެގޮތުން ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާއި މެރިކަލްޗާއަށް އިންވެސްޓަރުން ހޯދުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.