ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ) ގެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޖޫން 4 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.
ދައުވާގައި ބުނެފައިވާ ގޮތުގައި، 2025 އެޕްރީލް 18 ވަނަ ދުވަހުގެ ފަތިހު 4:54 އެހައިކަށްހާއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، ރައުދު އަހުމަދު ޒިލާލް އޭނާއަށް އެހީތެރިވެދީފައި ނުވާކަމަށާއި، އަދި އެހީތެރިކަން ހޯދުމަށް އެދި ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
މި ހާދިސާ ހިނގީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭއެވެ. ހާދިސާ އާއި ގުޅިގެން ޔުމްނު އަށް ފުރަތަމަ ފަރުވާ ދިނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް އޭނާ ވަނީ މެލޭޝިއާއަށް ފޮނުވާފައެވެ. މެލޭޝިއާއަށް ފޮނުވުމަށް ސަރުކާރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި 22 އަހަރުގެ ރައުދު އަހުމަދު ޒިލާލްގެ ތަޙްޤީޤު ނިމިފައި ވާތީ މިހާރު އޭނާ ވަނީ ތަޙްޤީޤު ބަންދުން ދޫކޮށްލާފައެވެ.
އޭނާގެ މައްޗަށް އުފުލާ ދަޢުވާ ސާބިތުވެއްޖެނަމަ، 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިއީ މިފަދަ ކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބެވެ.