ދިވެހިރާއްޖެއިން ޤައުމީ އިޚްތިޞާޞުން ބޭރުގެ ދިރޭތަކެތީގެ ނަސްލުތަކާބެހޭ (ބީބީއެންޖޭ) އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގައި ސޮއިކުރި ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިގެން ދިޔަ ކަމެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކަނޑުގެ ދުޅަހެޔޮކަމާއި، ކަނޑުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ދޭ އިސްކަމުގެ ހެއްކެއް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.
ބީބީއެންޖޭ އެއްބަސްވުމަކީ ޤައުމީ އިޚްތިޞާޞުން ބޭރުގެ ސަރަޙައްދުތަކުގައި ހުންނަ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެކުލަވާލެވިފައިވާ ބައިނަލްއަޤްވާމީ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުން ދިވެހިރާއްޖެއަކީ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ފާހަގަކުރެވިގެންދާނެއެވެ.