ޝެއިޚް ފަރީދު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އަައިޝަތު ޒީނާ | 5 ދުވަސް ކުރިން - 9 ޖޫން 2025 04:51
ޝެއިޚް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވެފައި ވަނީ މެލޭޝިޔާ އެއާޕޯޓުގައި ހުންނަވަނިކޮށް.
ޝެއިޚް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވެފައި ވަނީ މެލޭޝިޔާ އެއާޕޯޓުގައި ހުންނަވަނިކޮށް.
ޚުލާސާ

ރައީސް ވަނީ ޝެއިޚް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށް އެދި ދުޢާ ކުރައްވާފައި.

އައްޝެއިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޝެއިޚް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވެފައި ވަނީ މެލޭޝިޔާ އެއާޕޯޓުގައި ހުންނަވަނިކޮށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރައީސް ފޮނުއްވި ތައުޒިޔާ މެސެޖުގައި ވިދާޅުވީ ޝެއިޚް ފަރީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށެވެ.

‏އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިޔާ ޝެއިޚް ފަރީދަކީ، ޚުލްޤު ހެޔޮ، އަޅުވެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ޝެއިޚް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ވެސް ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.

ޝެއިޚް ފަރީދު އަވަހާރަވުމަކީ އިސްލާމީ ދަޢުވަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެއްކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ޝެއިޚް ފަރީދަކީ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ފާހަގަކޮށްލެވިފައިވާ ޢިލްމުވެރިއެއް އަދި ނުހަނު ޚިދުމަތްތެރި ހިތްވަރު ގަދަ ޝަޚްޞިއްޔަތެއްކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. ދަޢުވަތުގެ މައިދާނުގައި ވަރަށް ބޮޑު ޤުރުބާނީތަކެއްވެސް ޝެއިޚް ފަރީދު ވެވަޑައިގެންނެވިކަން ވުޒާރާއިން ފާހަގަކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%