އައްޑޫ ސިޓީގައި ވެދަ ރާޑަރު ސިސްޓަމެއް ބެހެއްޓުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ނިންމައިފިއެވެ.
ޓީވީ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި މެޓުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު ވިދާޅުވީ އައްޑޫގައި ވަރަށް އަވަހަށް ވެދަ ރާޑަރެއް ބެހެއްޓޭނެ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވަހީދު ވިދާޅުވީ އިތުރު ރާޑަރު ސިސްޓަމްތައް ލިބުމާއެކު، މުޅި ރާއްޖެ ރާޑަރުގެ ނެޓްވޯކުން ގުޅާލުމަކީ އުއްމީދެއް ކަމަށެވެ.
ވަހީދު ވިދާޅުވީ ޑޮޕްލާ ވެދަ ރާޑަރުގެ އެހީގައި ވާރޭ ވެހެމުންދާ ސަރަޙައްދާއި، ވާރޭ ވެހެމުންދާ ބޯމިނާއި، ވާރޭ ވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި އަދި ދަތުރުކުރަމުންދާ ބަރުމިން ފަދަ މަޢުލޫމާތުތައް ދެނެގަނެ، ވިލާގަނޑު ލައްވާލާނެ ސަރަޙައްދު އަންދާޒާކުރެވޭ ވަގުތު ދެނެގަނެވޭނެ ކަމަށެވެ. އަދި ފަށަލަތަކުގައި ޖެހޭ ވައިގެ މަޢުލޫމާތުވެސް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރާޑަރުގެ ސަބަބުން މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެކަން ވެސް ވަހީދު ފާހަގަކުރެއްވިއެވެ.









