ކަނޑުތަކަކީ ދިވެހި ޤައުމު ރައްކާތެރިކަމާއެކު ދެމިއޮތުމުގެ މުހިން މަސްދަރެއް ކަމަށާ، ދިވެހި އިޤްތިޞާދުގެ ހަކަތައަކީވެސް އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.
މޫސުމީ ނޭދެވޭ ބަދަލުތަކަށް ވިލުންތެރިކަން ހޯދެން އޮތީ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރެވިގެން ކަން ފާހަގަކޮށް ރައީސް ވަނީ މި އަމާޒަށް ވާޞިލުވުމަށްޓަކައި ދިވެހިރާއްޖެއިން މިހާރުވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައި ވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ކަނޑުތައް ޙިމާޔަތް ކުރަންޖެހޭކަން އެއީ، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން ޤަބޫލުކުރާ ހަޤީޤަތެއް ކަމަށާއި، ކަނޑުތަކަކީ ދިވެހި ޤައުމު ރައްކާތެރިކަމާއެކު ދެމިއޮތުމުގެ މުހިންމު މަސްދަރެއް ކަމަށްވާއިރު، ދިވެހި އިޤްތިޞާދުގެ ހަކަތައަކީވެސް އެއީ ކަމުގައި ރައީސް ވިދާޅުވިއެވެ. ދިވެހި ޘަޤާފަތް ބައްޓަންކުރުމުގެ އިތުރަށް، ދިވެހިވަންތަކަމުގެ ބިންގަލަކީވެސް ދިވެހި ކަނޑުތައްކަން ރައީސްގެ މެސެޖުގައި ސިފަކުރައްވާފައިވެއެވެ.
މި ހުރިހާ ކަމެއް މިހެން އޮތް އިރު، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހިރާސްތަކުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އުފުލި، ފަރުތަކުގެ މުރަކަތައް ހަލާކުވެ، ގައު ހުދުވުމުގެ އިތުރަށް، މަސްއައިންތަކުގެ ހިޖުރައިގެ އުސްލޫބަށްވެސް ބަދަލު އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެ ފަދަ ޤައުމަކަށް، މިކަންކަމަކީ މިހާރުން މިހާރަށް ސަމާލުކަން ދޭންޖެހޭ، އިޤްތިޞާދީ ޙަޤީޤަތްތަކެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ކަނޑުތައް ޙިމާޔަތް ކުރުމަށްޓަކައި ދިވެހިރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ވެސް ރައީސްގެ މެސެޖުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން މުރަކައިގެ ދިރުންތައް ރައްކާތެރިކޮށް އާލާ ކުރުމަށް ހިންގާ ހަރަކާތްތަކާއި، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތު ކުރުމަކީ މި މޭރުމުން ދިވެހިރާއްޖެއިން އަޅަމުންދާ ބައެއް ފިޔަވަޅުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތީ ސައިންސާއި، އިޔާދަކުރަނިވި ހަކަތައިގެ ރޮނގުން އައު ފުރުޞަތުތައް ފަހިކޮށް، މަސްވެރިކަން ކުރިއަރުވައި، ކަނޑުތަކުން ލިބެން ހުރި ނިޢުމަތްތައް ދެނެގަތުމުގެ އީޖާދީ މަސައްކަތްތައް ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން، ދިރާސާކޮށް ޓެކްނޮލޮޖީގެ އަލީގައި، މީގެ ކުރިން އެއްވެސް އަގެއް ނެތި ކުނީގެ ގޮތުގައި އުކާލަމުން އައި ތަކެތިން އައު ތަކެތި އުފެއްދުމުގެ ދާއިރާގައި ވުނަކުރުމާއި، ރާއްޖޭގައި ފަރުމާކޮށް އުފެއްދިދާނެ ތަކެއްޗާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ، އޮޓޯމޭޝަންގެ ދާއިރާގައި ވުނަކުރުމަށް ރައީސް ވަޢުދުވެވަޑައިގެންފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ކޮންމެމީހަކީވެސް ކަނޑުތައް ހިމާޔަތްކޮށް، ކަނޑުތަކާބެހޭ މައުލޫމާތު އެނގޭ މީހަކަށް ވުމަށް ގޮވާލައްވަމުންނެވެ.