އދ. ގެ ކަނޑުތަކާބެހޭ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް، ފްރާންސަށް ވަޑައިގެންފިއެވެ. ބައިނަލްއަޤްވާމީ މި މަހާސިންތާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސައިންޓިސްޓުންނާއި އަދި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތައް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ފްރާންސްގެ ނީސް ސިޓީގައި މި މަހުގެ 9 އިން 13 އަށް ކުރިޔަށްދާ މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި މި މަހާސިންތާގައި އެންމެ އިސްކަމެއް ދެވޭނީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި (އެސްޑީޖީ 14) ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށެވެ.
މި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް ވަނީ ފްރާންސްއަށް ވަޑައިގެންފައެވެ. ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ތެރޭގައި ދިވެހިރާއްޖެއިން އިސްނަގައިގެން ޚާއްޞަ ސެޝަނެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި މި ސެޝަންގައި، ރާއްޖެ ފަދަ ޤައުމުތަކުގައި ކުރާ ކުދި ފަންތީގެ މަސްވެރިކަމަކީވެސް ރާވައި، ހިންގައި، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރެވޭ މަސްވެރިކަމެއްކަން ޔަޤީންކުރުމަށްޓަކައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންގެ ހުށަހެޅުންތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރެވޭނެއެވެ.