ދިވެހިރާއްޖޭގެ ވަފުދެއް 20 ވަނަ އޭސިއަން ކްލީން އެނަރޖީ ފޯރަމް (އޭސީއީއެފް) ގައި ބައިވެރިވެ، ސާފު ހަކަތައަށް ބަދަލުވުމާއި ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ދިވެހިރާއްޖެއިން ދެމިހުރި ކަން އަލުން ކަށަވަރުކޮށްދީފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ މި ފޯރަމްގައި ދިވެހި ވަފުދުން ބައިވެރިވެ، ޕެނަލް މަޝްވަރާތަކުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި މަޝްވަރާތަކުގައި ދިވެހިރާއްޖެއިން ސާފު ހަކަތައަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ގެންގުޅޭ ސިޔާސަތުތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.
ދިވެހިރާއްޖެއިން މި ފޯރަމްގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ ސާފު ހަކަތައިގެ ދާއިރާގައި ކުރިއަރާފައިވާ ޤައުމުތަކާ ގުޅުން ބަދަހިކޮށް، އެ ޤައުމުތަކުގެ ތަޖުރިބާއިން މަންފާ ހޯދުން ކަމަށް ވުޒާރާއިން ބުންޏެވެ. އަދި ދިވެހިރާއްޖެއިން ސާފު ހަކަތައަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ހާމަކުރުމަކީވެސް މި ފޯރަމްގައި ބައިވެރިވުމުގެ މަޤްޞަދެއް ކަމަށް ވުޒާރާއިން ބުންޏެވެ.
Advertisement

ވުޒާރާއިން ބުނީ މި ފޯރަމްގައި ބައިވެރިވުމަކީ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.







