ހއ. ވަށަފަރުގެ ރަށުރަމްޒެއްގެ ގޮތުގައި ހަދާފާއިފާ މޮނިއުމަންޓް ހުޅުވައިފިއެވެ.
މި މޮނިއުމަންޓް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ވަށަފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ނާޒިމްއެވެ.
ވަށަފަރު ރަށުރަމްޒް މޮނިއުމަންޓު ހުޅުވައިދެއްވައި ވާހަކަދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ މިފަދަ މަސައްކަތްތަކުން ރަމްޒުކޮށްދެނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ރަށުގެ ތަރައްޤީއަށް ގެންގުޅޭ ވިސްނުން ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން މިއިން ވަރަށް ބޮޑަށް ހާމަވެގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަށަފަރުގައި ހަދާފައިވާ ރަށުރަމްޒު ނުވަތަ މޮނިއުމަންޓަކީ އެރަށަށް ނިސްބަތްވާ ވަށަފަރު މީހުން އުނބަށް ޖެހުން ހާދިސާއަށް ބިނާކޮށް ހަދާފައިވާ މޮނިއުމަންޓެކެވެ.
މޮނިއުމަންޓުން ފެނިގެން ދަނީ އުނބެއްގެ މަތީގައި ބަހައްޓާފައިވާ ރިޔާނެގި ދޯންޏެކެވެ. އަދި ދޯނި ކައިރީގައި މަޑިއަކާއި ކޯމަހެއްވެސް ހަދާފައިވެއެވެ.
މި މޮނިއުމަންޓް ފުރިހަމަވެގެން ދަނީ ދޯނީގެ ކައިރީގައި ހުރި ހުސް އުނބުތަކުންނެވެ. ދޯނި ބަހައްޓާފައިވާ ބޮޑު އުނބު ވަނީ ފެން ފައިބާ ގޮތަށް ފަރުމާކޮށްފައެވެ. މުޅި މޮނިއުމަންޓު ދަށުގައި ވަނީ މަސްގެންގުޅޭގޮތަށް ޓޭންކެއް ވެސް ހަދާފައެވެ.