ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ފެންވަރުގެ ޑީއެންއޭ ލެބޯރެޓަރީއެއް ގާއިމުކޮށް، އެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފި އެވެ. މި މުހިންމު ހިދުމަތް ފަށާފައިވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)ގައެވެ.
މޯލްޑިވްސް ބްލަޑް ސާވިސަސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ލެބޯރެޓަރީ ހުޅުއްވައިދެއްވީ ހެލްތަ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. މި ހިދުމަތަކީ ރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާފައިވާ މުހިންމު ވައުދުފުޅުތަކުގެ ދަށުން، ލޭގެ ބަލިތަކަށް ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ސަރުކާރުގެ ހޮސްޕިޓަލެއްގައި މިފަދަ ހިދުމަތެއް ގާއިމުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. މީގެ ކުރިން މިފަދަ ޓެސްޓުތައް ހެދެމުން ދިޔައީ އަމިއްލަ ޖަމިއްޔާއަކުން ހިންގާ ކުޑަ ލެބޯޓްރީއެއްގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކުރިން ނެހެދޭ އެތައް ޓެސްޓެއް އޮޓަމޭޓެޑް މެޝިންގެ އެހީގައި މިހާރު ހެދޭނެކަަމަށާއި ކުރިން ރާއްޖެއިން ބޭރުން ހޯދަންޖެހުނު މި ހިދުމަތް ރާއްޖެއިން ލިބެން ފެށުމުން ރާއްޖޭގައި ތިބެގެން އެކި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމުގެ މަގު ފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މި އަހަރު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ވަނީ މި ލެބޯރެޓަރީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ލެބޯރެޓަރީގައި ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަނެވޭނެ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރި މި ހިދުމަތުގައި ބޭނުންކުރާ ކިޓްތަކަކީ ދިވެހިންގެ މެދުގައި ފެންނަ ލޭގެ ބަލިތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކިޓްތަކެއް ކަމަށެވެ. މީގެ ސަބަބުން ކައިވެނީގެ ކުރިން ހަދާ ޓެސްޓުތަކާއި ޕްރީނޭޓަލް ޑައިގްނޯސިސްގެ ހިދުމަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
މި ހިދުމަތަކީ 2025 ޖޫން 25 ގައި ހުޅުމާލޭގެ އައު ޢިމާރާތަށް މޯލްޑިވްސް ބްލަޑް ސާވިސަސް ބަދަލުވި ފަހުން ތައާރަފްކުރި ތިންވަނަ ހިދުމަތެވެ. މީގެ ކުރިން އެތަނުގައި ވަނީ އެންޑޮކްރައިނޮލޮޖީ، ހެމަޓޮލޮޖީ ކްލިނިކް އަދި ޕޭޝަންޓް ކެއާ ސެންޓަރުގެ ހިދުމަތް ފަށާފަ އެވެ.
ތެލަސީމިއާ ކުދިންނަށް ދޭ ފަރުވާ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 24 ކުއްޖަކަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ދީފައިވާއިރު، މި އަހަރުން ފެށިގެން އެ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، މި އަހަރުގެ ތެރޭގައި ހާއްސަ ތެލަސީމިއާ ހޮސްޕިޓަލެއްގެ މަސައްކަތް ފެށުމަށްވެސް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.









