ތެލަސީމިޔާ ކުދީންނަށް ހަދިޔާކުރާ ކޮންމެ ލޭތިއްކަކީ اللهގެ މަގުގައި ކުރެވޭ ޞަދަޤާތެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބުނީ އަހަރެމެންގެ މި އިސްލާމީ މުޖުތަމަޢުގައި، އެހެންމީހުންގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ބަޔަކު ދިރިއުޅެމުން ދާކަމަށާއި އެފަދަ މީހުންނަށް އަހަރެމެން އެހީތެރިވާން ޖެހޭ ކަމަށެވެ. އެގޮތުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލާން ޖެހޭ ކަމަށާއި، އަހަރެމެންގެ ތެރޭގައި އުޅެމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލަސީމިޔާ ކުދިންނާއި، ޔަތީމުކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަން ޖެހޭ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚާއްޞަގޮތެއްގައި، އެ ކުދީންގެ ތެރޭގައި އަހަރެމެންގެ އެހީތެރިކަމާއި އަޅައިލުން ކޮންމެހެން ދޭންޖެހޭ ކުދީންތަކެއް އެބަތިބި ކަމަށާއި، އެ ކުދީންގެ ބެލެނިވެރިންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން ޖެހޭކަން ޚުޠުބާގައި ފާހަގަކުރިއެވެ. ޙާލުގެ ދުލުން މިއަދު އެ ކުދީން ގޮވަމުން އެދަނީ، އަހަރެމެންގެ އެހީތެރިކަމަށް ކަމަށާއި، އެ ކުދީންގެ މައިންބަފައިންނާއި ބެލެނިވެރީން އިންތިޒާރު ކުރަމުން ދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށް ކަމަށް ޚުޠުބާގައި ބުންޏެވެ. އެއީ ތެލަސީމިޔާ ކުދިންކަން ފާހަގަކޮށް ޚުޠުބާގައި ބުނީ އެކުދިންނަކީ ވެސް އަހަރެމެންގެ މުޖުތަމަޢުގެ އެއްބައި ކަމަށާއި އެ ކުދިން ވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ކަމަށެވެ
ޚުޠުބާގައި ބުނީ އެ ކުދިން އާދޭސްކުރަމުން އެދަނީ އަހަރެމެން ހަދިޔާކުރާ ލޭތިއްކަކަށް ނުވަތަ އަހަރެމެން ޞަދަޤާތް ކުރާ ފައިސާފޮއްޗަކަށް ކަމަށެވެ. މިގޮތުން ހަދިޔާކުރާ ކޮންމެ ލޭތިއްކަކީ، اللهގެ މަގުގައި ކުރެވޭ ޞަދަޤާތެއް ކަމަށާއި، އެއީ ފުރާނައަކަށް ދިރުންދިނުމަށްޓަކައި ކުރެވޭ ޤުރްބާނީއެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ މާތް الله އިންސާނުން ހައްދަވައިފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށެވެ. ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާނެ މީހެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ. އަދި އެއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް ކަމަށާއި އެއީ މުއުމިނުންގެ ސިފައެއް ކަމަށް ޚުޠުބާގައި ބުންޏެވެ.