ފަލަސްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުޢާ ކުރައްވައިފިއެވެ.
ޢީދު ދުވަހުގެ މުނާސަބަތުގައި ރޭ ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ صلى الله عليه وسلم ސިފަ ކުރައްވައިފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައި ކަމަށެވެ.
މިފަދަ ކޮންމެ ޢީދަކުމެ، ދުރާއި ގާތުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ މަތީން އަޅުގަނޑުމެން ހަނދާން ކުރަމު ކަމަށާއި، ވަކީން ޚާއްޞަކޮށް، ފަލަސްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
މުސްލިމުންގެ މުޤައްދަސް މިސްކިތުގެ ޙިމާޔަތުގައި، އަދި ﷲ ބަރަކާތްލެއްވި އެ މާތް ބިމުގެ ޙައްޤުގައި، ފަލަސްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް ރައީސް ވަނީ ދުޢާ ކުރައްވާފައެވެ. އަދި ﷲގެ ޙަޟްރަތުން މަދަދާއި، ރިޒްޤާއި، ހަމަޖެހުމާއި، އަމާންކަން އަޅުގަނޑުމެންގެ ލެޔާއި ވިންދާ ގުޅިފައިވާ އެ ލޮބުވެތި ޢާއިލާތަކަށް ދެއްވުމަށް ވެސް ރައީސް ވަނީ ދުޢާކުރައްވާފައެވެ.