ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް ހިތްތަކުގައި ބިންވަޅު ނެގޭ އިޙްތިފާލަކަށް ހެދުމަށް ރައީސް އެދިވަޑައިގެންފި

އަައިޝަތު ޒީނާ | 16 ގަޑިއިރު ކުރިން - 6 ޖޫން 2025 06:35
1446 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ބޭއްވި "ޢީދު ހަވީރު"ގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. / ފޮޓޯ: ރައީސް އޮފީސް
1446 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ބޭއްވި "ޢީދު ހަވީރު"ގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވަނީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު ޢީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުމަށް އެދި ދުއާ ދަންނަވާފައި.

ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ޢީދު ދުވަހުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ޚިޠާބުގައެވެ.

ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ އުންމަތަށް އެމަނިކުފާނު ވަނީ އަރިސްކުރައްވާފައެވެ.

ދޮށީ ޢުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި، ދަރީންނަށް ރިވެތި ނަމޫނާއާއި ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، ޢީދުގެ ޙަޤީޤީ ޒީނަތްތެރިކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖުތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާ ކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޒަމާނުއްސުރެ ދިވެހީން ފާހަގަކުރާ ބޮޑު ޢީދަކީ، މާތްކަމާއި ނިޢުމަތުގެ ފޯވައްސެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދުޢާއަކީ، ޙައްޖު މަހުގެ މި ބަރަކާތްތެރި ދުވަސްތަކުގެ ދަރުމަ އެންމެ ފުރިހަމަ ގޮތުގައި މިންވަރު ކުރައްވައި، ﷲގެ އޯގާވަންތަކަމާއި ރަޙްމަތް، ދިވެހި ޤައުމަށާއި، އެންމެހައި މުސްލިމުންނަށް އިތުރުކޮށްދެއްވުން ކަމަށެވެ.

މީގެ އިތުރުން މީސްތަކުންނަށްޓަކައި ނެރުއްވި އެންމެ ހެޔޮ އުންމަތަކީ، އިސްލާމީ އުންމަތް ކަމުގައި، ކީރިތި ޤުރުއާނުގެ އާލް ޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި އުންމަތުގެ ދަރަޖަ ﷲގެ ޙަޟްރަތުގައި މަތިވެރިވީ، މުސްލިމުންނަކީ ހެޔޮ ކަންކަމުގައި ހިފަހައްޓާ، އަނެކުންނަށް ނަސޭހަތްތެރިވެ ނަމޫނާ ދައްކާ ބަޔަކު ކަމުގައި ވާތީ ކަމަށާއި ކޮންމެ ނޭއްގާނީ ކަމަކާ ދުރުހެލިވެ، އަނެކުންވެސް އެފަދަ ކަންކަމާ ދުރުކުރަން މުސްލިމުން ގަދައަޅާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޢީދުގެ އުފަލާއެކު، އިސްލާމީ މުޖުމަތަޢުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިޢުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުމެވެ. އެކަކު އަނެކަކާ ހިނިތުންވުމާއެކު ސަލާންގަލާންކޮށް ހިތްހެޔޮ ކުރުމެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ޚިޠާބު ނިންމަވާލަމުން ރައީސް ވަނީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު ޢީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި ﷲ ޙަޟްރަތުން ދެއްވާ މިފަދަ ކޮންމެ ނިޢުމަތަކާއި ރަޙްމަތަކަށް ޝުކުރުކުރުން މަތީ އަޅަމެން ލެހެއްޓެވުމަށާއި ދިވެހި ޤައުމު، ނަޞްރާއި، ނަސީބާއި، ފާގަތިކަންމަތީ ދެމެހެއްޓެވުމަށް އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%