ޝައްމާނު ބަންދު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަންނަން ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 5 ޖޫން 2025 17:02
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާނު ވަޙީދު
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާނު ވަޙީދު
ޚުލާސާ

ޝައްމާނުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނީ ގޮތުން ބަހުސް ކުރެވޭނެ އިސްތިއުނާފީ ނުކުތާތަކަކާ އެކު ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފައިވޭ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާނު ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާޠިލުކުރުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

ޝައްމާނުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމިއެވެ. ނަމަވެސް ޝައްމާނުގެ ފަރާތުން އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ރިވިއު ކުރުމަށް ހުށަހެޅުމުން، ފަނޑިޔާރުންގެ މަޖިލީހުން ވަނީ ރަޖިސްޓްރާގެ ނިންމުން ބާޠިލުކޮށް، މައްސަލަ ބަލައިގަތުމަށް ނިންމާފައެވެ.

ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ޝައްމާނުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނީ ގޮތުން ބަހުސް ކުރެވޭނެ އިސްތިއުނާފީ ނުކުތާތަކަކާއި އެކު ކަމަށެވެ. އެހެންކަމުން، އެ މައްސަލައިގެ ޝަރީޢަތް އެ ކޯޓުގައި ހިންގުމަށް ނިންމައި، ރަޖިސްޓްރާގެ ނިންމުން ބާޠިލުކުރިއެވެ.

ޝައްމާނު ބަންދުކުރި މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ވެސް ތާއީދުކޮށްފައި ވެއެވެ. ނަމަވެސް ޝައްމާނުގެ ފަރާތުން ބުނަނީ ހައިކޯޓުގެ ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ ޚިލާފު ޙުކުމެއް ކަމަށެވެ. މި ނުކުތާ ހިމަނައިގެން ޝައްމާނުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ ޤާނޫނީ ގޮތުން ބަހުސް ކުރެވޭނެ ނުކުތާތަކެއް ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވެއެވެ.

ޝައްމާނު މަޤާމުން ވަކިކޮށް ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500,000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝައްމާނުގެ ގެއަށް ގެންދިޔަކަމުގެ ތުހުމަތުގައެވެ.

މި މައްސަލައާއި ގުޅިގެން ޝައްމާނުގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގގެ ދަޢުވާ އުފުލާފައި ވެއެވެ. މި ކުށްތަކަށް ސާބިތުވެއްޖެނަމަ ޝައްމާނަށް ދިގު މުއްދަތެއްގެ ޖަލު ޙުކުމަކާއި ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ކުރިމަތިވެދާނެއެވެ.

މި މައްސަލައާއި ގުޅިގެން ޝައްމާނާއެކު ހައްޔަރުކުރެވުނު އެހެން މީހުންގެ މައްޗަށްވެސް ދަޢުވާތައް އުފުލާފައިވެއެވެ. މީގެ ތެރޭގައި އިބްރާހީމް އަޙްމަދު، މުޙައްމަދު އަލްސަން އިސްމާޢީލް، ޙަސަން ސެހެޝާން އަދި އަޙްމަދު ލައްސާން ހިމެނެއެވެ. މި ފަރާތްތަކުގެ މައްޗަށްވެސް ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ އެކި ކުށްތަކުގެ ދަޢުވާ އުފުލާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%