ޖިނާއީ މައްސަލައެއް ބަލަމުންދަނިކޮށް އެ މައްސަލަ ބަލާ ފަނޑިޔާރަކު ބަދަލުވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް ސުޕްރީމް ކޯޓުން އިސްލާހުތަކެއް ގެނެސްފިއެވެ.
މި އިސްލާހުތައް ގެނެސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ފަނޑިޔާރުން ބަދަލުވުމުގެ ސަބަބުން ޝަރީއަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއި، މައްސަލަތައް ނުނިމި ގިނަ ދުވަސްތަކެއް ވަންދެން ދިގުލައިގެން ދިއުން ހުއްޓުވުމެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، މައްސަލައެއް ބަލަމުންދާ ފަނޑިޔާރަކު ބަދަލުވެއްޖެ ނަމަ، އެ މައްސަލައެއް ދެން ހަވާލުވާ ފަނޑިޔާރަކު އެ މައްސަލަ ކުރިއަށް ގެންދާނީ ކުރިން ހިނގާފައިވާ ބައިތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. މީގެ ކުރިން ބައެއް ހާލަތްތަކުގައި ފަނޑިޔާރު ބަދަލުވުމުން މުޅި މައްސަލަ އަލުން ފަށަން ޖެހުމުގެ ސަބަބުން، އަހަރުތަކަކަށް މައްސަލަ ދިގުލައިގެން ދާކަން ފާހަގަކުރެވިފައިވެއެވެ. ނަމަވެސް، އާ އުސޫލުގެ ދަށުން، ކުރިން ނަގާފައިވާ ހެކިބަހާއި ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ކުރިއަށް ގެންދެވޭނެއެވެ.
މީގެ އިތުރުން، ފަނޑިޔާރު ބަދަލުވާ ހާލަތުގައި ދައުވާ ލިބޭ ފަރާތަށާއި ދައުލަތަށް ވެސް އެކަމާ ގުޅޭގޮތުން އިޖުރާއީ ގޮތުން ފާހަގަކުރަންޖެހޭ ކަންކަން ފާހަގަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މައްސަލަ އަލުން ފަށަންޖެހޭ ފަދަ ޒަރޫރީ ހާލަތެއް އޮތްތޯ ބެލުމުގެ އިޚްތިޔާރު އައު ފަނޑިޔާރަށް ލިބިގެންވެއެވެ.
އެޕްރީލް 23، 2026 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ އައު ގަވައިދުގައި ވާ ގޮތުން ފަނޑިޔާރު ބަދަލުކުރެވޭ ހާލަތްތައް؛
- ޝަރީއަތް ހިނގަމުން ދަނިކޮށް، ނުވަތަ ޝަރީއަތުގެ އަޑުއެހުން ނިމި ހުކުމް އިއްވަންވެފައި ވަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރު މަރުވުން ނުވަތަ ފަނޑިޔާރުކަމުން ވަކިވުން ނުވަތަ ވަކިކުރުން.
- މައްސަލަ ބަލާ ފަނޑިޔާރު އެއްވެސް، ސަބަބަކާހުރެ ދިގު މުއްދަތަކަށް ޗުއްޓީއަކަށް ދިއުން
- މައްސަލަ ބަލާ ފަނޑިޔާރު ދިގު މުއްދަތަކަށް ތަމްރީން ޕްރޮގްރާމަކަށް، ވީއްލާފައިވުން.
- ޝަރީއަތް ފެށުމުގެ ކުރިން މެދުވެރިވެފައިނުވާ ނުވަތަ އެނގިފައިނުވާ އެ ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް އޮތުން.
- ފަނޑިޔާރަކާ ހަވާލުކުރެވިފައިވާ މައްސަލައަކުން އެ ފަނޑިއާރަކު ތަނާޒުލުވާންޖެހޭ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެ، އެ ސަބަބު ފަނޑިޔާރު ހާމަކޮށްފައި، "ނުވުން ނުވަތަ މައްސަލައިން ތަނާޒުލުވެފައިނުވުން.
- މައްސަލަ ބަލާ ފަނޑިޔާރަކު ދެ މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަމުން ސަސްޕެންޑު ކުރުން.
- ޝަރުއީ ވަފުދެއް ކަނޑައަޅާ ހާލަތުގައި ޝަރުއީ ވަފުދުން، މައްސަލަ ބެލުމަށް ނިންމުން އެއް ހާދިސާއެއްގެ މައްޗަށް، އެއް ހެކިންތަކެއް ހިމެނޭ މައްސަލައެއް ކޯޓުގެ ދެ ސެކްޝަނެއްގައި ހިނގަމުންދާކަން ފާހަގަކުރެވިއްޖެނަމަ އެ ދެ މައްސަލަ އެއް ސެކްޝަނަކުން ބެލުމަށް ނިންމުން ނުވަތަ އެއް ހާދިސާއެއްގެ މައްޗަށް އެއް ހެކިންތަކެއް ހިމެނޭ އިސްތިއުނާފީ، މައްސަލައެއް ކޯޓުގެ ދެ ބެންޗަކުން، ބަލަމުންދާކަން ފާހަގަކުރެވިއްޖެނަމަ އެ ދެ މައްސަލަ އެއް ބެންޗަކުން ބަލާގޮތަށް ކަނޑައެޅުން.










