ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން 8،626.55 އަކަ މީޓަރު ސަރަޙައްދެއްގައި ތާރު އަޅާފައިވާ ކަމަށެވެ. އަދި 2،537.75 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ސާވިސް ލައިން ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުމަތީ ކަފިހި ހުރަސް ކުރަހައި ކުލަ ލުމުގެ އިތުރުން ފެން ހިންދާ ނިޒާމް ޤާއިމްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫޢު ނިމުމާއެކު ހޫނު ގަދަ މޫސުމުގައި މަގުތައް ހިރަފުސް ވުމުންނާއި، ވިއްސާރަ ދުވަސްވަރު މަގުތައް ޗަކަވެ ކިސަޑު ހެދުން ނިމުމަކަށް އަންނާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި މަގުތަކުގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް މަގު ބޭނުން ކުރަން އިތުރަށް ފަސޭހަވެ، މަގުތަކަކީ އަޑިގުޑަން ނުހުންނަ ރައްކާތެރި މަގުތަކަކަށް ވެގެންދާނެކަން އެމްޓީސީސީން ފާހަގަކުރިއެވެ.
2021 ވަނަ އަހަރު ވަނީ އުނގޫފާރު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޢާއްމު ޚިދުމަތްތައް ހޯދުމަށް އެންމެ ގިނައިން ބޭނުންކުރަމުންދާ ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.
2،500 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ އުނގޫފާރަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެރަށުގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައެވެ. އަދި އަތޮޅުގެ އެހެން ރަށްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންވެސް އިދާރީ، ޞިއްޙީ އަދި ވިޔަފާރިފަދަ އެކި ޒަރޫރީ ބޭނުންތަކަށް އުނގޫފާރަށް ޒިޔާރަތްކުރާކަން ފާހަގަކޮށް އެމްޓީސީސީން ބުނީ، ތާރު އަޅާފައިވާ ރީތި ޒަމާނީ މަގުތަކުގެ ސަބަބުން އުނގޫފާރު ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކި ނިންމާލާފައިވާކަން ވެސް އެމްޓީސީސީން ފާހަގަކުރިއެވެ. އެގޮތުން 1980 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން މުހިންމު ދައުރެއް އަދާކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ.