ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ އާ ސްކޫލަށް މާލެ ސަރަޙައްދުން ވަންނަން ބޭނުންވާ ދަރިވަރުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެފިއެވެ.
ތަޢުލީމީ ވުޒާރާއިން ބުނީ އެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެވޭނީ މި މަހުގެ 1 އިން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ.
ވުޒާރާއިން ބުނީ ހުޅުމާލޭ ސްކޫލްތަކުން ޖާގަ ނުލިބިގެން މާލޭގެ ސްކޫލްތަކަށް 900 އަށްވުރެ ގިނަ ދަރިވަރުން ދާކަމަށެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްކޫލްތަކުންވެސް ޖާގަ ނުލިބިގެން ފުރަތަމަ ފިޔަވަހީގެ ސްކޫލްތަކަށް 300 އެއްހާ ދަރިވަރުން ދާކަމަށްވެސް ވުޒާރާއިން ބުންޏެވެ.
ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހަދާ ސްކޫލް މިއަހަރުގެ ނޮވެންބަރުގެ ނިޔަލަށް ނިމޭނެ ކަމަށާއި އެ ސްކޫލް ޢިމާރާތް ކުރަނީ ޒަމާނީ ވަޞީލަތްތަކާއެކު ކަމަށެވެ.
ވުޒާރާއިން ބުނީ އެ ސްކޫލް ހިންގަން ނިންމާފައިވަނީ އެއްދަންފަޅިއަށް ކަމަށެވެ. އަދި ސްކޫލުގައި 1500 ދަރިވަރުންގެ ޖާގައިގެ 54 ކްލާސްރޫމް ހުންނާނެ ކަމަށާއި، ދަރިވަރުން ގިނަކަމުގައި ވާނަމަ ދެ ދަންފަޅިއަށް ކިޔެވުން ބަދަލުކުރާނެ ކަމަށް ވުޒާރާއިން ބުންޏެވެ. އޭގެ ސަބަބުން ވީހާވެސް ގިނަ ދަރިވަރުންނަށް ލުއިފަސޭހަވެ، ގެއާއި ކައިރި ސްކޫލަކަށް ދިޔުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.
ވުޒާރާއިން ބުނީ ދަންފަޅިތައް ތަރުތީބުކުރާނީ މިހާރު އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސްކޫލް އެންރޯލްމެންޓް ޕްރޮޖެކްޝަން ހެދުމަށްފަހު ކަމަށެވެ.









